ޚަބަރު

ރާއްޖެ-އިންޑިއާ: "ކޮންސިއުލަރ ޑައިލޮގް" 3ވަނަ ބައްދަލުވުން ބާއްވައިފި


  • ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު

  • މި ބައްދަލުވުން ބާއްވާފައިވަނީ އިންޑިޔާގެ ނިއު ދިއްލީގައި

  • ރާއްޖޭގެ ވަފްދުގައި އިސްކޮށް ހުންނެވީ ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅައިފައިވާ ސަފީރު

ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު ބޭއްވޭ ކޮންސިއުލަރ ޑައިލޮގްގެ ތިންވަނަ ބައްދަލުވުން އިންޑިޔާގެ ނިއުދިއްލީގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢާއިޝަތު އަޒީމާއެވެ. އަދި އިންޑިޔާއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ އެ ޤައުމުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، ޑރ. ބިނޮއި ޖޯޖްއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި، ޚާރިޖީ ވުޒާރާ އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

އިންޑިޔާ – ދިވެހިރާއްޖެއާ ދެމެދު ބޭއްވޭ ކޮންސިއުލަރ ޑައިލޮގް ޤާއިމްކޮށްފައިވަނީ ދެޤައުމުގެ ކޮންސިއުލަރ މައްސަލަތަކާ، ވިސާއާގުޅޭ ކަންތައްތަކުގެ އިތުރުން، ކޮންސިއުލަރ ކަންކަމުގެ ޤާނޫނީ އެހީ ދެފަރާތުން ހޯދުމަށް މަގުފަހިވާގޮތަށް، ކޮންސިއުލަރއާ ގުޅޭ މަޝްވަރާތައް ކުރުމުގެ މަޤްސަދުގައި 2017 ވަނަ އަހަރުއެވެ. މިގޮތުން، ކޮންސިއުލަރ ޑައިލޮގްގެ ދެވަނަ ބައްދަލުވުން ބޭއްވިފައި ވަނީ 2018 ވަނަ އަހަރު މާލޭގައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި ދެޤައުމުން ގުޅިގެން ކޮންސިއުލަރ އާއި ގުޅޭ ކަންތައްތައް ހައްލުކުރުމުގައި މަސައްކަތް ކުރެވޭނެ ގޮތްތަކުގެ އިތުރުން، ވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ. އަދި، ދެ ޤައުމުން މި ޑައިލޮގް ބޭއްވުމުގެ މުހިއްމުކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން ފާހަގަކޮށްފައިވެއެވެ.