ސްވައިޕްއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ. ބީއެމްއެލްއިން 'ސްވައިޕް' ލޯންޗްކޮށްފައިވަނީ މިދިޔަ އޮކްޓޫބަރ މަހުގެ ތެރޭގައެވެ.
ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޮލެޓްތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކްރިއޭޓިވް އިންޑަސްޓްރީ ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށެވެ. އެގޮތުން ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށްލެވެއެވެ. ރައީސް ވިދާޅުވީ މި މަސައްކަތުގެ ދަށުން ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށިގެންދާނެކަމަށެވެ.
"ވަރަށް ބޮޑަށް އަޅުގަނޑުމެން ލުކް ފޯވާޑްކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ޖަނަވަރީ މަހަކީ އެއްކޮށް އެ ސެޓްއަޕް ނިމި ޕޭޕަލްގެ ޚިދުމަތައް ފުރުސަތު ލިބިގެންދާނެމަސް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޕޭޕަލްގެ ދިވެހި ވާޝަން، ބީއެމްއެލްއިން ތައާރަފްކުރި 'ސްވައިޕް' ގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އެގޮތުން މިމަހުގެ ތެރެގައި ޓެސްޓުކޮށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ސްވައިޕް ބޭރުގެ ނެޓްވޯކްތަކާއި ގުޅާލެވިގެންދާނެކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސްއިން މިމަހުގެ ތެރޭގައި ސްވައިޕްގެ ބެޓާއަށް ހުޅުވާލާނެ. ހުޅުވާލާފައި މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭރުގެ ނެޓްވޯކްތަކާއި އިންޓަގްރޭޓްކުރެވި ބޭރަށް ފައިސާ އިތުރު ޗާޖަކާއި ނުލައި ވަގުތުން ގެނެވޭނެގޮތް ސްވައިޕް ފެސިލިޓީގެ ތެރެއިން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓަކަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއްކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.
ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެއެވެ.
ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނޭގެނެއެވެ. ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ.