ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓާލައި، ސުލްޙަ ޤާއިމުކުރުމަށް ބާރުއެޅުމަށް ޗައިނާ ޚާއްޞަ މަންދޫބެއް ކެމްބޯޑިޔާއަށް ފޮނުވައިފިއެވެ.
އަންނަ ހޯމަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އިރުދެކުނު އޭޝިޔާގެ ޤައުމުތަކުގެ ބައްދަލުވުމާ ދިމާކޮށް، ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ސުލްޙަ ޤާއުމުކުރުމަށް ޗައިނާގެ އިތުރުން އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ވަނީ ވަރުގަދަކޮށްފައެވެ.
ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް މެދުކަނޑައިލުމަށް އޮކްޓޫބަރު މަހު އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ.
ނަމަވެސް، ފާއިތުވި ހަފްތާތަކުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އަނެއްކާވެސް ޙަމަލާތައް ބަދަލުކުރަން ފަށައި، މިހާތަނަށް ވަނީ 60 މީހުން މަރުވެ، ބައި މިލިއަނެއްހާ މީހުންގެ ގެދޮރުގެއްލިފައެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ، ޚާއްޞަ މަންދޫބު ޑެންގ ޝިޖުންގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ދެބަސްވުންތަކަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޮކްޓޫބަރު މަހު ސޮއިކުރެވުނު ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ދެ ފަރާތުން ވެސް އަލުން ޢަމަލުކުރަން އަންނަ ހަފްތާގެ ނިޔަލަށް ފެށޭނެކަމުގެ ޢުއްމީދު ބޮޑުކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.