މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 3،800 އަށްވުރެ ގިނަ އެނދު އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއާއެކު، މިއަހަރުގެ މިހާތަނަަށް ފަތުރުވެރިންނަށް ޚިދުމަތްދޭން އިތުރުކުރި އެނދުގެ އަދަދު މިވަނީ 67،000 އަށް އަރާފައެެވެ.
ފަތުުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް ޖުމްލަ 67,053 އެނދު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަަމަށް ނެރެފައިވަނީ ޖުމްލަ 63,248 އެނދެވެ. އެހެންކަމުން މިއީ 3،805 އެނދުގެ އިތުރުވުމެކެވެ.
ފަތުރުވެރިކަމަށް އިތުރުކުރެވުނު ޖުމްލަ އެނދުގެ އަދަދު 67،000 އަށް އަރާފައިވާއިރު، މީގެ ތެރެއިން އެންމެ ގިނައިން އެނދު އިތުރުވެފައިވަނީ ގެސްޓްހައުސް ވިޔަފާރިތަކަށެވެ. މިއަހަރު ފެށުނުއިރު ގެސްޓްހައުސްތަކުގެ އެނދުގެ އަދަދު 929ގައި ހުރިއިރު، މިހާރު މި އަދަދު ވަނީ 960އަށް އިތުރުވެފައެވެ. މިއާއެކު ގެސްޓްހައުސްތަކުގެ އެނދުގެ އަދަދު މިވަނީ 16،610އަށް އިތުރުވެފައެވެ.
ރިސޯޓުތަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ ޖުމްލަ އަދަދުވެސް މިވަނީ އިތުރުވެފައެވެ. މިއަހަރު ހުޅުވި 6 ރިސޯޓާއެކު، މިވަގުތު ރާއްޖޭގައި 178 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އަލަށް ހުޅުވި ރިސޯޓުތަކުގެ ތެރޭގައި މެންޑަރިން އޮރިއެންޓަލް މޯލްޑިވްސް އާއި، ބަލްގަރީ ރިސޯޓް މޯލްޑިވްސް އާއި، ޒަމާނީ އައިލެންޑާއި، ކޮރިންތިއާ މޯލްޑިވްސްގެ އިތުރުން ނަލަ މޯލްޑިވްސް ހިމެނެއެވެ. އަދި ކުރިއަށްއޮތްތާގަވެސް އިތުރު ރިސޯޓުތަކެއް ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، މިއަހަރުގެ މިހާތަނަށް 167 ސަފާރީއަކުން 3,322 އެނދު ފަތުރުވެރިކަމަށް އިތުރުފައިވާއިރު، 16 ހޮޓަލަކުން 2,598 އެނދު ފަތުރުވެރިކަމަށް އިތުރުކޮށްފައިވެއެވެ.
ރާއްޖެއިން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށްވެސް ކުރިއެރުން އަންނަނީ ލިބެމުންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 2,127,705 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 10 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,934,053 ފަތުރުވެރިންނެވެ.
މިއަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. އަދި އަހަރުގެ މިހާތަނަށް 2.1 މިލިޔަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.