ޚަބަރު

އެމްޑީޕީ ޕްރައިމަރީ ޖެނުއަރީ 16އަށް އަވަސްކޮށްފި


  • ޕްރައިމަރީގެ ޓައިމްލައިން ވަނީ ބާތިލުކޮށްފައި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އެ ޕާޓީން އަވަސްކޮށްފިއެވެ.

އެމްޑީޕީން މިދިޔަ ހަފުތާގައި ނިންމީ ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ބޭއްވުމަށެވެ. ނަމަވެސް މިއަދު ކުރި އިއުލާނަކާއެކު އެ ނިންމުން ބަދަލުކޮށް ޖެނުއަރީ 16ވަނަ ދުވަހު ޕްރައިމަރީ ބާއްވަން ވަނީ ނިންމާފައެވެ.

އެމްޑީޕީން ޕްރައިމަރީގެ ކަންކަން ކުރިޔަށްދާނެ ޓައިމްލައިނެއް ހިއްސާކުރިއެވެ. އެ ޓައިމްލައިނުގައިވާގޮތުން ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ލިސްޓު މާދަމާ އާންމުކުރާނެއެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހަޅަން 24 ގަޑިއިރުގެ މުހުލަތެއް ދިނުމަށްފަހު ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނެ ކަމަށް އެމްޑީޕީން މައުލޫމާތުދެއްވިއެވެ. ވޯޓުލާ މީހުންގެ ލިސްޓު އާންމު ކުރާނީ، ޖެނުއަރީ 8 ވަނަ ދުވަހުގައެވެ.

ނަމަވެސް މިއަދު ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ކުރިމަތިލާން އެދޭ ފޯމު ހުށަހެޅުމުގެ ތާރީޚު 17 ޖެނުއަރީން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ހުޅުވާލާނެ ކަމަށް މައުލޫމާތު ދީފައިވާ ކަމަށާއި އެހެންވެ ކުރިން އާންމުކުރި ޓައިމްލައިން ބާތިލްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ދާއިމީ ރިޕޯޓް އާންމު ކުރުމުން އައު ޓައިމްލައިން އާންމު ކުރާނެ ކަމަށްވެސް އެމްޑީޕީން ބުންޏެވެ. އަދި މި ބަދަލުތަކާއެކު ޕްރައިމަރީގެ ވޯޓުލުން 16 ޖެނުއަރީ ވާ ހުކުރު ދުވަހުގެ މެންދުރު 14:30ން ރޭގަނޑު 20:00އަށް ކުރިއަށްދާނެ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ 4ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެއެވެ.