ޚަބަރު

ވައިބަރ އެކައުންޓް ހެކްކޮށް ފައިސާ ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި


  • އެމީހާ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވޭ

  • މިމައްސަލާގައި މީގެ ކުރިން 3 މީހުން ހައްޔަރުކޮށްފައިވޭ

މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށް، އެމީހާގެ ނަމުގައި އެކި މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ، މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އެ ފައިސާގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައިގައެވެ.

ފުލުހުން ވިދާޅުވީ، މިި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހމ. ފަރުމާވިލާ / މާލެ، ޙުސައިން ފާރިޝް ޢުމަރު (22އ) ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ، ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު 17 ވަނަ ދުވަހު ކަމަށްވެސް ފުލުހުން މައުލޫމާތުދެއްވައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެކުރިން ހައްޔަރުކޮށްފައިވަނީ، ހމ.ފްލެޓް ނަންބަރ 06-2-39 / މާލެ، ޙަސަން އަޒުރާޙު (39އ) އާއި، ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އާއި، ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) އެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.