ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން ފަސްލައްކައަށްވުރެ ގިނަ ފަސިންޖަރުން ޚިދުމަތް ހޯދާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެެވެ.
ވެލާނާ އެއަރޕޯޓުގެ ޓަރމިނަލް 1 ނުވަތަ އައު ޓަރމިނަލުގެ ޚިދުމަތް ފަށާފައިވަނީ މިއަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޓަރމިނަލަށް ރާއްޖެއަށް ދަތުރުކުރާ މައިގަނޑު ހުރިހާ އެއަރލައިނެއްހެން ބަދަލުވެފައިވާއިރު، ގިނަ އަދަދެއްގެ މީހުން މިހާތަނަށް ޓަރމިނަލުގެ ޚިދުމަތް ހޯދާފައިވާ ކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހިނގާ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، 508،008 ފަސިންޖަރުން ވަނީ އައު ޓަރމިނަލުގެ ޚިދުމަތް ހޯދާފައެވެ. މިއީ ފުރާ މީހުންނާއި އަންނަ މީހުން ހިމެނިގެން ޓަރމިނަލް ޚިދުމަތް ހޯދާފައިވާ ފަރާތްތައް ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. މީގެ ތެރެއިން 252,340 މީހުންނަކީ ޓަރމިނަލް 1 މެދުވެރިކޮށް ފުރައިގެން ދިޔަ މީހުންނެވެ. އަދި 255,668 މީހުންނަކީ ރާއްޖެއަށް އައި މީހުންނެެވެ.
އެމްއޭސީއެލްއިން ވިދާޅުވީ މިހާތަނަށް އެންމެ ގިނަ ފަސިންޖަރުންނަށް އައު ޓަރމިނަލުން ޚިދުމަތް ދީފައިވަނީ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ޓަރމިނަލުގެ ޚިދުމަތް ޖުމްލަ 19,551 މީހަކުން ހޯދި ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެެވެ. މީގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިއުމަށް 8,681 ފަސިންޖަރުން އައު ޓަރމިނަލް ބޭނުންކޮށްފައިވާއިރު، 10,870 ފަސިންޖަރުން ރާއްޖެ ވަނީ އައިސްފައެވެ.
އެމްއޭސީއެލްއިން ވިދާޅުވީ ޓަރމިނަލް 1 އަށް ރާއްޖެ ދަތުރުކުރާ ހުރިހާ އެއަރލައިނެއް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 37 އެއަރލައިނެއް އައު ޓަރމިނަލަށް ބަދަލުކުރެވިފައިވާއިރު، މިމަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
މިއަހަރުގެ މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވައި ދެއްވާފައިރު، މިއީ އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޓަރމިނަލެކެވެ. މިހާރު ބޭނުކުރާ ކުރީގެ ޓަރމިނަލް ނުވަތަ ޓަރމިނަލް 2 އާއި ޚިލާފަށް ދިވެހިރާއްޖެއާއި ގުޅޭގޮތުން އެންމެ ޒަމާނީ ވަސީލަތްތަކާއި ފަރުމާކޮށްފައިވާ މި ޓަރމިނަލަކީ ޖާގައިގެ ގޮތުން ތަނަވަސް ޓަރމިނަލެކެވެ. އަދި ޓަރމިނަލުން އެއްފަހަރާ އެއް ދުވަހުގެ ތެރޭގައި ޚިދުމަތްދެވޭނެ މިންވަރުވެސް މީގެ ކުރީގެ ޓަރމިނަލާއި އަޅާބަލާއިރު އިތުރެވެ.
އެމްއޭސީއެލްއިން ވަނީ މި ޓަރމިނަލާއެކު ރާއްޖެއަށް އިތުރު ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ލިބިގެންދާ ފުރުސަތެއްކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.