ޚަބަރު

ބިސްބުރު ބަލިކޮށް ވިކްޓަރީއަށް ލީގުގެ ތިންވަނަ


  • []

އެފްއޭއެމް ވިމެންސް ލީގު 2025 ގައި ބިސްބުރު ސްޕޯޓްސް ކުލަބު ބަލިކޮށް ލީގުގެ ތިންވަނައިގައި ވިކްޓަރީ ސްޕޯޓްސް ކުލަބުން ނިންމައިލިފިއެވެ. ވިކްޓަރީ މެޗު ކާމިޔާބު ކުރީ 5-0 ލަނޑުންނެވެ.

ވިމެންސް ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ، ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބުން ވާދަކުރާ، ލީގުގެ ޗެމްޕިއަން ކަނޑައެޅިގެންދާ މެޗެވެ. މާޒިޔާ އާއި އޮޑި އަށް ވެސް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ އިން ކުރީގައި އޮތީ ޖެހި ގޯލުންނެވެ.

ތިން ވަނައިގައި ނިންމި ވިކްޓަރީ އާއި ހަތަރަކަށް ދިޔަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފަސް މެޗުން އަށް ޕޮއިންޓް ލިބުނުއިރު، ވިކްޓަރީ ކުރީގައި އޮތީ ނިއު އަށް ވުރެން ލަނޑުގެ ތަފާތުން ތިން ފައިދާ ގޯލު އިތުރުވުމުންނެވެ. ޓީސީ، ފަސް ވަނަ އަށް ދިޔައީ، ފަސް މެޗުން ތިން ޕޮއިންޓާ އެކު އެވެ. ބިސް ބުރުން މުބާރާތް ނިންމާލީ ކުޅުނު ފަސް މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި އެވެ.

ރަސްމީ ބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވިކްޓަރީ ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މިމެޗުގެ ވިކްޓަރީ އަށް ލަނޑުތައް ކާމިޔާބު ކޮއްދިނީ އުޒްބެކިސްތާންގެ ދެ ކުޅުންތެރިން ކަމަށްވާ ލޭލާ ރުސްޓުލަވޭއާ އާއި ސަފީނާ ރުޝާނިޔާއެވެ.

ލޭލާ ވަނީ މެޗުގެ ފުރަތަމަ ހާފުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. ދެވަނަ ހާފުގައި ހަތަރު ވަނަ ލަނޑު ސަފީނާ ކާމިޔާބު ކުރިއިރު އަނެއް ލަނޑު ޖެހީ ލޭލާއެވެ.
ލޭލާ، މި މެޗުގައި ޖެހި ގޯލުތަކާ އެކު، ލަނޑު ލިސްޓުގެ އެއް ވަނަ އަށް ވަނީ ޖެހިލައިފަ އެވެ. އެއީ ނުވަ ގޯލު ޖަހައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރަނީ، އަށް ގޯލު ޖަހާފައިވާ އޮޑިގެ ކެޕްޓަން، ފާތިމަތު ސާލިޔާ އާއި ހަތް ލަނޑު ޖަހާފައިވާ މާޒިޔާގެ ނޭޕާލް ކުޅުންތެރިޔާ ރޭކާ ޕޮއުޑެލް އެވެ.

ވިކްޓަރީން ވަނީ މި ލީގުގައި 13 ލަނޑު ޖަހާފައެވެ.