ސަންޓޯސް އާއި ބްރެޒިލްގެ ފޯވަޑް ނޭމާގެ މެނިސްކަސް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޮޕަރޭޝަން ކޮށްފި އެވެ.
އުމުރުން 33 އަހަރުގެ ނޭމާ އަށް ސަންޓޯސް އާއިއެކު މި ސީޒަނުގައި އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު އަނިޔާގައި ހުރެ ނޭމާ ކުޅެމުން އަންނަނީ 2023 ވަނަ އަހަރު އެވެ.
އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގައި ވާދަކުރާ ބްރެޒިލްގެ ސްކޮޑުން ފުރުސަތު ހޯދުމަށް އަނިޔާއިން ރަގަޅުވުމަށް ނޭމާ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސްޕެއިންގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަށް ކުރިން ކުޅުނު ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނައިން ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 128 މެޗުގައި 79 ލަނޑު ޖަހާފަ އެވެ.
ނޭމާގެ ފުޓްބޯޅަ ހަޔާތް ފެށުނު ސަންޓޯސް އާއި އޭނާ އަލުން ގުޅިފައިވަނީ ސައުދި އަރަބިއްޔާގެ އަލް ހިލާލް އަށް ކުޅުމަށްފަހު މިދިޔަ ޖެނުއަރީ މަހު އެވެ. ސައުދީގައި ހޭދަކުރި 18 މަސް ދުވަހުގެ ތެރޭގައި ނޭމާ އަށް އެ ކްލަބަށް ކުޅެދެވިފައިވަނީ އެންމެ ހަތް މެޗެވެ.
ނިމިގެންދިޔަ ސީޒަނުގައި ސަންޓޯސް އަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވާއިރު ރެލިގޭޝަނުން އެ ކްލަބް ސަލާމަތް ކޮށްދިނުމުގައި ނޭމާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ ކްލަބުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ނޭމާ ވަނީ ފަސް ލަނޑު ޖަހާފަ އެވެ.