ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާއި ވާދަކޮށް ބަލިވި ނަމަވެސް އެމެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސް ހައްގުކަމަށް ވެލެންސިއާގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
ނިމުނު ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން މުޖުތަބާ ބުނީ މުޅި މެޗު ކަހަލަ ގޮތަކަށް ޑޮމިނޭޓް ކުރީ ވެލެންސިއާއިން ކަމަށްވިޔަސް މެޗުގެ 10 ވަނަ މިނިޓުގައި ގްރީން އިން އުފެއްދި ފުރަތަމަ ހަމަލާއާއެކު ވެލެންސިއާގެ ގޯލު ފޫ އަޅުވާލާ 1-0 ގެ ނަތީޖާއަކުން ގްރީންއިން މެޗު ކާމިޔާބުކުރުމަކީ ލިބުނު ދެރައެއް ކަމަށެވެ.
މެޗުގެ ތެރެއިން ވެލެންސިއާ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ހަމަލާތައް ބޭކާރުވެގެން ދިއުމަކީ ލިބުނު މާޔޫސްކަމެއްކަމަށާއި އެމެޗަކީ ވެލެންސިއާއަށް ތިން ޕޮއިންޓު ހައްގުވާ ފަދަ ކުޅުމެއް ޓީމުން ދެއްކި މެޗެއްކަމަށް އޭނާ ބުނެފަވެއެވެ.
"މިރޭ ތެދަށް ބުނަންޏާ އަޅުގަނޑުމެންނަށް ޑިޒާވިން ތިން ޕޮއިންޓު ކަންނޭނގެ ގެއްލިގެން މިދިޔައީ އަސްލު. އެއީ އެވަރަށް ފުރުސަތުވެސް ލިބިފަ ކޮންވާޓު ނުކުރެވިގެން މިދިޔައީ" މުޖުތަބާ ބުންޏެވެ.
ލީގުގެ ދެވަނަ ބުރާ ޓީމުތަކުން ކުރިމަތިލިއިރު އައު ކުޅުންތެރިން އިތުރުކޮށް ޓީމުތައް ވަރުގަދަކޮށްފަވާއިރު ވެލެންސިއާއިންވެސް ވަނީ އައު މޫނުތައް ފެނިފައެވެ. އެގޮތުން ޓީމާއި އަލަށް ގުޅުނު ފްރާންސު ފޯވަޑުވެސް އެމެޗުން ފެނިގެން ގޮސްފަވާއިރު އަދި އެކުޅުންތެރިޔާ އަދި ޓީމަށް ހޭނިލަން ވަގުތު ނަގާނެކަމަށް މުޖުތަބާ ބުންޏެވެ. އަދި މެޗުގެ ކުރީކޮޅު ވެލެންސިއާއަށް ލިބުނު ފަހި ފުރުސަތުތަކުގެ ބޭނުން ނުހިފޭގޮތްވުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށް ކޯޗު ބުންޏެވެ.
"އަލަށް ގުޅުނު ފޯވަޑު ފުރަތަމަ މެޗުވީމަ އޭނައަކަށް އަދި ރަނގަޅަކަށް ގޭމު ތެރެއަށް ވަދެވޭ ގޮތެއް ނުވި. އެއީ ކަންނޭނގެ މިރޭ ދިމާވި އެންމެ ބޮޑު ޑިސްއެޑްވާންޓޭޖަކަށް މިވީ. ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ ކުރީ ކޮޅުން" މުޖުތަބާ ބުނެފަވެއެވެ.
މެޗުން ބަލިވިކަމަށްވިޔަސް ވެލެންސިއާއިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭކަމަށާއި ކުޅުންތެރިންނަށް އިތުބާރު އެބައޮތްކަމަށް މުޖުތަބާވަނީ ބުނެފައެވެ. ކުޅުންތެރިންނަށް ތައުރީފުކުރަމުން އޭނާ ބުނީ ޓީމުން ދެއްކި ކުޅުމަށް ސާބަސް ހައްގުކަމަށެވެ. އަދި ވެލެންސިއާއިން އަބަދުވެސް މަސައްކަތްކުރާނީ ކުޅުން ރަނގަޅުކޮށް ނަތީޖާތައް ރަނގަޅުކުރުމަށްކަމަށާއި އެކަމުގައި ކޯޗިން ޓީމާއި މެނޭޖްމަންޓުން އެކުވެ މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދޭކަމަށް މުޖުތަބާ ބުނެފަވެއެވެ.
"ހުރިހާ ކުޅުންތެރިންވެސް އެދެއްކި ހިތްވަރު ނުވަތަ ޕާފޯމްކުރި ޕާފޯކުރުމަށް އަޅުގަނޑު ހަމަ އައްސަރިބަހާއި ސާބަސް ދެން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޯޗިން ޓީމާއި މެނޭޖްމަންޓާއި ގުޅިގެން އިތުރަށް ޑެވެލޮޕްކުރަން އޮތް ދިމާތައް ބަލާ އެކަންތައް ކުރަމުން ގެންދާނަން" މުޖުތަބާ ބުނެފަވެއެވެ.
މެޗުތަކުން މޮޅުނުވެ ކުރިއަށް ނުދެވޭނެކަން ފާހަގަކުރަމުން މުޖުތަބާ ބުނީ ޓީމުން ބޭނުންވާ އަމާޒަށް ވާސިލްވުމުގައި ވެލެންސިއާގެ ޒުވާން ސްކޮޑުން ހިތްވަރާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން އޭނާއަށް އެބައޮތްކަމަށެވެ. އަދި ޓީމާއި އަލަށް ގުޅުނު ކުޅުންތެރިންނާއެކު ޓީމުގެ ކުޅުމަށް ރަނގަޅު ބަދަލުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެކަމަށް ދެކޭކަމަށް ކޯޗު ބުންޏެވެ.
ދިވެހި ޕްރިމިއަރ ލީގުގެ ޕޮއިންޓު ތާވަލަށް ބަލާއިރު ވެލެންސިއާ އޮތީ ކުޅުނު 11 މެޗުގެ ތެރެއިން 8 މެޗުން ބަލިވެ 2 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވުމާއެކު ލިބުނު 7 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައިގައެވެ. ވެލެންސިއާއިން މިހާރު ތައްޔާރުވަމުން އަންނަނީ ބުރާސްފަތި ދުވަހުގެރޭ ތާވަލުގެ އެއްވަނައިގައި ރަސްކަން ކުރަމުންދާ މާޒިޔާއާއި ދެކޮޅަށް ނުކުތުމަށެވެ.