މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ފަށަން 20 މިނިޓަށްވުމުން ދަނޑުގެ ދޮރާށިތައް ހިލޭ ހުޅުވާލަން ނިންމައިފި އެވެ.
މުބާރާތް އިންތިޒާމް ކުރާ މޮރޮކޯއިން އެފްރިކާގެ ފުޓްބޯޅަ ޖަމާއަތާއެކު މި ގޮތަށް އެއްބަސްވީ ގިނަ މެޗުތަކުގައި ދަނޑު އެއްކޮށް ނުފުރޭތީ އެވެ. މިހާތަނަށް ދަނޑު ފުރާލާނެ ކަމަށް ބެލެވިފައިވަނީ އަލްޖީރިއާ އާއި މޮރޮކޯ ކުޅުނު މެޗުތަކުގަ އެވެ. މުބާރާތް ބާއްވާ ގައުމު މޮރޮކޯ އާއި މާލީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗަށް ދަނޑު ފުލްވިއިރު އަލްޖީރިއާ އާއި ބުރުނީކިފާސޯ ކުޅުނު މެޗާއި އެ ގައުމުން އިކުއޭޓޯރިއަލް ގިނީ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް ވެސް ވަނީ ވިކި ހުސްވެފަ އެވެ.
މިއާ ހިލާފަށް ކެމަރޫނާއި ގެބޯން ބުދަ ދުވަހު ކުޅުނު މެޗު ފެށީ 45000 މީހުންނަށް ވަދެވޭ ދަނޑު ހުހަށް އޮވެގެންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނުއިރު ދަނޑުގައި ތިބި ކުޅިބަލާ މީހުންގެ ޖުމުލަ އަކީ 35200 ކަމަށް އިއުލާނުކުރި އެވެ. ގިނަ މެޗުތަކުގައި ދަނޑު ނުފުރޭއިރު ކޮންގޯ އާއި ބެނިން ރަބާތުގެ އަލް މަދީނާ ސްޓޭޑިއަމުގައި ކުޅުނު ފެށީ 6703 މީހުން ތިބެގެންނެވެ. ފަހުން އިއުލާނުކުރީ ކުޅިބަލަން 13073 މީހުން ވަން ކަމަށެވެ.
އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާ އާއި މޮރޮކޯއިން މިހާރު އެއްބަސްވެފައިވަނީ މެޗު ފަށަން 20 މިނިޓަށްވާއިރު ހުސްޖާގަތައް ފުރާލަން ދަނޑުބޭރުގައި ޓިކެޓް ނެތި ތިބި މީހުން ހިލޭ ކުޅިބަލަން ވެއްދުމަށެވެ. މި ގޮތަށް ނިންމީ މޮރޮކޯ އަކީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމަކަށް ވެސް ވުމާއެކު ވީހާ ވެސް ބޮޑަށް ފުޓްބޯޅައިގެ ފޯރި އެ ގައުމުން ދައްކުވައިދިނުމަށެވެ.
އެފްރިކާ ކަޕުގެ ގްރޫޕް ސްޓޭޖުގެ ޓިކެޓް ވިއްކަމުންދަނީ 100 ދިރުހަމަށެވެ. އެއީ 10.96 ޑޮލަރެވެ.