ތުޅާދޫއާއި މީދޫ ރައްޔިތުންގެ ގުޅުން ފެށުމުގެ މައި އަސްލަކީ އިސްލާމްދީންކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިއަކާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމަށް މި 2 ރަށުގެ ރައްޔިތުން ބޭއްވި އެއްބައިވަންތަކަމުގެ އަތުގުޅާލުމުގައި ވާހަކަ ދައްކަވަމުންނެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ސުނާމީ އެރި ދުވަސް ފާހަގަކުރަމުން ދަނީ، އެ ދުވަހުވެސް ދިވެހިން ދެއްކި އެއްބައިވަންތަކަން ފާހަގަކުރުމަށެވެ. ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ، އެއްބައިވަންތަކުގެ ދުވަސް ފާހަގަކުރަނީ ދިވެހިން އެދުވަހު ދެއްކި ނަމޫނާ އެހީތެރިކަމާއި، ނަމޫނާ މަދަދުވެރިކަމުގެ ސަބަބުން ކަމަށެވެ. މި ގުޅުން އާދަޔާ ޚިލާފު މަތިވެރި ގޮތެއްގައި ތުޅާދޫއާއި މީދޫގެ ރައްޔިތުންގެ މެދުގައި އޮތުން މިއީ ހަނދާނަން ގެންނަޖެހޭ ކަމެއް ކަމަށެވެ.
ދިވެހިންނަކީ ޚާއްސަ ސަޤާފަތެއް ލިބިފައިވާ ބައެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ދިވެހިންގެ ދިވެހިވަންތަ ސަޤާފަތުގެ މަގަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހި ޤައުމިއްޔަތުގެ މަގަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ވަޒީރު ވިދާޅުވިއެވެ. ތުޅާދޫ މީދޫ ގުޅުން ފެށުނު މައި އަސްލަކީވެސް އިސްލާމްދީންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިސްލާމީ އަހްވަންތަކަން އޭގެ ޒާތުގައި އޮތުމުގެ އިތުރަށް އެކަން ތަރައްޤީވެގެން ދިޔައީ، ތުޅާދޫ ރައްޔިތުން މީދޫ މިސްކިތް ބިނާކުރުމަށް ކުރި މަސައްކަތުގެ ތެރެއިންކަން އިނގޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިސްކިތުގެ ތަނބުތަކުގައި ހުރި ހަރުދަނާކަން މިއަދުވެސް ތުޅާދޫއާއި މީދޫގެ ރައްޔިތުންގެ ގުޅުމުގައި އެބަހުރި ކަމަށް ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވިއެވެ.
"އެ ދެފަރާތުންވެސް މި އަގުކުރީ، މާނަކުރީ ވަރަށް މަތިވެރި ހަދިޔާއެއްގެ ގޮތުގައި. ވަރަށް މަތިވެރި ފެށުމެއްގެ ގޮތުގައި. އެއީ އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާ. ﷲގެ ގެކޮޅު ބިނާކުރުމުގައި ރައްޔިތުން ތިބޭފުޅުންނަށް މީދޫގެ ރައްޔިތުންނަށް ދެއްކި ރީތި ނަމޫނާ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ގައުމިއްޔަތު އިއާދަކުރުމުގެ ސިޔާސަތުގެ ދަށުން އެ ވުޒާރާއިންވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫއެއް ފަށައިގެން ކައުންސިލްތަކާއި ގުޅިގެން އެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އޭގެ ބޭނުމަކީ، މި އަހްވަންތަކަން ދިވެހިންގެ ތެރޭގައި އަލުން ދިރުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ދިވެހިންނަކީ، އެއްބައެއް އެއް ދީނަކަށް ތަބާވާ އެއް ބަހަކުން ވާހަކަދައްކާ އެއް ސަޤާފަތެއް ހިއްސާކުރާ އެއް ތާރީހެއްއޮތް ބައެއްކަން ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވިއެވެ.