ޚަބަރު

"އެންޑީއެމްއޭގެ އެހީގެ ސަބަބުން ކާރިސާގެ ހާލަތްތަކުގައި ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާވާނެ"


  • އެންޑީއެމްއޭއާއި ޔޫއެންޑީޕީން ފުލުހުންނަށް ވަނީ 2.6 މިލިޔަން ރުފިޔާގެ ސާމާނު ހަދިޔާކޮށްފައި

  • މީގެތެރޭގައި ކާރިސާގެ ހާލަތްތަކުގައި ބޭނުންކުރާ ތަފާތު ސާމާނު ހިމެނޭ

ކާރިސާގެ ހާލަތްތަކުގައި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރުމަށް އެންޑީއެމްއޭއާއި ޔޫއެންޑީޕީން ހަދިޔާކުރެއްވި ތަކެތީގެ ސަބަބުން ފުލުހުންގެ ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، ކާރިސާގެ ހާލަތްތަކާއި އެހެނިހެން ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނު ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކޮށްދެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ފުލުހުންގެ ޙިދުމަތަށް ލިބިގެންދިޔަ ސާމާނުތަކަކީ އެކި ހާދިސާތަކާއި ކާރިސާތަކުގައި ބޭނުންކުރާނޭ ސާމާނުތަކެއް ކަމަށެވެ. އަދި މި ސާމާނުތައް ބޭނުންކުރެވޭނީ އަތޮޅުތެރޭގެ ފުލުހުންގެ މަރުކަޒުތަކުގައި ކަމަށްވާއިރު، ވިހާވެސް އަވަހަކަށް އެ ތަންތަނަށް މި ސާމާނުތައް ފޮނުވުމުގެ މަސައްކަތް ފަށާނެކަމަށް ނަވީން ވިދާޅުވިއެވެ.

"މި ސާމާނުތަކުގައި އަޅުގަނޑުމެން ބޯކޮށް ވިއްސާރަވެހުމުގެ ސަބަބުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ. އަދި އޭގެ އިތުރުން ފަޔަރ އެންޑް ރެސްކިއު ނުހުންނަ ރަށްރަށުގައި ދިމާވާ އަލިފާނުގެ ހާދިސާތަކުގައިވެސް އެންމެ ފުރަތަމަ ރެސްޕޯންޑަރސްގެ ހައިސިއްޔަތުން މި ތަކެތި ބޭނުންކުރެވޭނެ." ސީޕީ ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރުމަށް ލިބިގެންދިޔަ ސާމާނާއެކު ކާރިސާގެ ހާލަތްތަކުގައި ފުލުހުންގެ ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ކާރިސާތަކާއި ހަދިސާތަކުގައި ފުލުހުންކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވީތީ އެންޑީއެމްއޭ އާއި ޔޫއެންޑީޕީގެ ބޭފުޅުންނަށް ނަވީން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް މި ތަކެތި ފޯރުކޮށްދެއްވުމުގެ ބޭނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. ހިސާން ވިދާޅުވީ، ފުލުހުންނަކީ ރަށްރަށުގައި ގާއިމުވެ ތިބެ، މުޖުތަމައުތަކާ އެންމެ ގާތުން މަސައްކަތްކުރާ އަދި ކާރިސާތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ އެއް މުއައްސަސާއަށް ވީހިނދު މިއަދު ހަވާލުކުރެވުނު ސާމާނުތަކުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ރަށު ފެންވަރުގައި އެޅުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

"ކާރިސާތަކުގައި ފުރަތަމަ އިޖާބަދޭ ފަރާތްތަކުގެ (ފަސްޓް ރެސްޕޮންޑާސް) ގޮތުގައި ފުލުހުންނަކީ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތް. މި އެހީތެރިކަމަކީ ވިލުންތެރި ރާއްޖެއަކަށް ކުރާ މަސައްކަތުގެ ދަށުން ރެސްޕޮންސް ކެޕޭސިޓީ އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް." އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވިއެވެ.

ފުލުހުންގެ ޙިދުމަތަށް ފޯރުކޮށްދެއްވި ސާމާނުތަކުގެ އަގު 2.6 މިލިޔަން ދިވެހި ރުފިޔާއަށް އަރާއިރު، އޭގެތެރޭގައި ހިމެނެނީ ފަސް ދާއިރާއަކުން 2064 ސާމާނެކެވެ. އޭގެ ތެރޭގައި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި، ޕަމްޕު އަދި ކަރަންޓު އާލާތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއަރ، ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނާއި، ފީލްޑް އޮޕަރޭޝަންސް އަދި ސަޕޯޓް އިކުއިޕްމަންޓްގެ އިތުރުން މީހާގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނުވެސް ހިމެނެއެވެ.

މި ތަކެއްޗަކީ ޔޫއެންޑީޕީ ފަންޑިންގ ވިންޑޯސްގެ "ރިޑްސް އިން ސިޑްސް" މަޝްރޫއުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާއެކު ފޯރުކޮށްދިން ސާމާނުތަކެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް ދިވެހިރާއްޖެ ހާނުވައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއަޅައި، ގައުމީ ފެންވަރުގައި ވިލުންވެރިކަން އިތުރުކުރުމެވެ.

ކާރިސާގެ ހާލަތްތަކުގައި އިޖާބަދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ވަސީލަތްތައް އިތުރުކުރުމަށް މި މަޝްރޫއުން ބޮޑު އިސްކަމެއްދޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި އެހީތެރިކަމަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ މޫސުމީ ކާރިސާތަކުގެ ހިރާސް ކުޑަކުރުމާއި، އިންޒާރުދޭ ނިޒާމުތައް ކުރިއާލައި ވަރުގަދަކުރުމާއި، ކާރިސާތަކަށް އިޖާބަދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.