ޚަބަރު

ޕީއެންސީ ޕްރައިމަރީ: އެންމެ ގިނަ ބަޔަކު ވޯޓުލާ ޕްރައިމަރީއަށް ވާނެ


  • މިއަދުގެ 2 ޖެހުމާއި ހަމައަށް 8000 މީހުން ވަނީ ވޯޓުލާފައި

ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނަ އަދަދަށް ވޯޓުލާނެ ޕްރައިމަރީއަކަށް ޕީއެއްސީ ޕްރައިމަރީވާނެ ކަމަށް ޕީއެންސީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުމުގެ ކަންތައްތަކާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއާއި ވާހަކަ ދައްކަވަމުންނެއެވެ.

ޕީއެންސީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ ވަރަށް އަމާންކަމާއި އޮމާން ކަމާއެކުގައި ކަމަށެވެ. އެގޮތުން ޤައުމެއްގައި ބާއްވާ މައި އިންތިހާބެކޭ އެއްގޮތަށް މި ވޯޓަށްވެސް ވަރަށް ބޮޑަށް ތައްޔާރުވެ، އިންތިޒާމުތައްވެސް ރަނގަޅަށް ކުރިއަށްދާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުގައި 44 ވޯޓު ފޮށި ބަހައްޓާފައިވާއިރު، 21000 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ކަމަށެވެ. އެގޮތުން މިއަދުގެ 2 ޖެހުމާއި ހަމައަށް 8000 މީހުން ވޯޓުލާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި އަދަދަކީ އެ ޕާޓީއިންވެސް އަންދާޒާ ކުރި އަދަދަށްވުރެ އިތުރު އަދަދެއް ކަމަށެވެ. ފަލާހު ވިދާޅުވީ، މިއީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނައިން ވޯޓުލާނެ ޕްރައިމަރީ ކަމަށެވެ.

" ޤަބޫލުކުރާ ގޮތުގައި ޕްރައިމަރީއެއްގެ އެތެރޭގެ އިންތިޚާބެއްގައި އެންމެ ގިނަ އަދަދެއްގެ ވޯޓުލާނެ ޕްރައިމަރީ އެއް ޕާޓީއެއްގެ ތެރޭގައި. ފާހަގަކުރެވޭ ވޯޓުލުމުގެ ކަންކަން ހަމަ ވަރަށް އަމާންކާމާއި އޮމާންކަމާއެކީ ކުރިއަށް މިދަނީ" ފަލާހު ވިދާޅުވިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލީ، މި މަހުގެ 1ވަނަ ދުވަހުއެވެ. އެ ޕާޓީން ބުނީ، ޕްރައިމަރީގައި 298 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. އިންތިޚާބުގައި ވޯޓުލުން ކުރިއަށްދަނީ، 42 އިންތިޚާބީ ދާއިރާއެއްގެ 84 މަޤާމަކަށެވެ.

އަންނަ އަހަރު ބާއްވާ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައިވެސް ގިނަ ބަޔަކު ވަނީ ހޮވިފައެވެ. އެ ފަރާތްތަކަށް ޓިކެޓް ލިބިފައިވާކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ޕީއެންސީން ބުންޏެވެ.