ޚަބަރު

ޔަމަނުގެ ހަމަޖެހުމަށް ސަޢުދީން ކުރާ މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔައިފި


  • ދިވެހި ސަރުކާރުން ވަނީ މިކަމުގައި ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ގޮވާލާފައި

ޔަމަނުގައި ހަމަޖެހުން ޤާއިމް ކުރުމަށް ސަޢުދި އަރަބިއްޔާއިން އިސްވެ އޮވެ ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ޔަމަނުގައި ހަމަޖެހުން ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނުގައި އެޤައުމުގެ ހަމަޖެހުމާއި ސުލްޙަ ޤާއިމްކުރުމަށް، ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާޢީދު ކުރާ ކަމަށް ވިދާޅުވެފައިވެއެވެ. މިގޮތުން އެޤައުމުގެ މަސްރަޙު ފިނި ކުރުމަށް ސަޢުދި އަރަބިއްޔާގެ އިސްނެގުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެޤައުމުގެ މިނިވަން ވެފައިވާ ސަރަހައްދުތަކުގައި ހަމަޖެހުން ޤާއިމްކޮށް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރާ މަސައްކަތްތަކަށްވެސް ދިވެހި ސަރުކާރުން ވަނީ މަރުހަބާ ކިޔާފައެވެ.

ދިވެހި ސަރުކާރުން ވަނީ، ޔަމަނަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް މިމަސައްކަތުގައި އެޤައުމުގެ އެތެރޭގައި މަސްލަހަތު ހިމެނޭ ހުރިހާ ފަރާތެއްގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށްފައެވެ. އަދި މިމަސައްކަތުގެ ތެރެއިން ޔަމަނުގެ ރައްޔިތުންނަށް ތަރައްޤީއާއި، ފާގަތިކަން ލިބި، އެޤައުމުގައި ހަމަޖެހުމާއި ސުލްޙަ ޤާއިމްކުރުން މުހިންމު ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.

މިފަހުން ޔަމަނުގެ އެތެރޭގައި އެކި ގްރޫޕްތަކުގައި މެދުގައި ހިންގާ ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ. މިމައްސަލަ ހައްލު ކުރުމަށް ސަޢުދި އަރަބިއްޔާއާއި އެހެން ބައެއް ފަރާތްތަކުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.