ޚަބަރު

މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި


  • ދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި

  • ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ

އަނިޔާވެރިކޮށް މީހަކު މޫދަށް އެއްލާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

15 ރުފިޔާގެ ވައްކަމެއް ކުރިކަމަށް ބުނެ މީހަކު އަނިޔާވެރިކޮށް މޫދަށް އެއްލާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދަޢުރުވަމުންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ހިތާދޫ / އަންދަލީބުގެ، އުމުރުން 50 އަހަރުގެ އަޙްމަދު ޝަރީފް އާއި، ލ. އިސްދޫ / ބްލޫކިޔާގެ، އުމުރުން 49 އަހަރުގެ އަޙްމަދު ޚާތިމްއެވެ. މި ދެ މީހުންވެސް ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.