ޚަބަރު

ކައުންސިލް އިންތިޚާބު: ފެބުރުވަރީގެ ނިޔަލަށް ވަޒީފާތަކަށް ކުރިމަތިލެވޭނެ


  • ދެ ވޯކް-އިން އިންޓަރވިއުއެއް ވަނީ ބާއްވާފައި

  • ފެބްރުއަރީ 26ހާ ހަަމައަށް މެއިލްކޮށްގެން ވަޒީފާއަށް އެދި ހުށަހެޅޭނެ

ކައުންސިލްތަކުގެ އިންތިޚާބަށް ބޭނުންވާ އިދާރީ މުވައްޒަފުންގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ފެބުރުވަރީމަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އަންނަ އަަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިލެކްޝަންސް ކޮމިޝަނުން މިވަނީ ވޯކް-އިން އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ކަލާފާނު ސްކޫލްގަ މިއަދު ހަވީރު 4:00ން ރޭގަނޑު 10:00އަށް ވޯކް-އިން އިންޓަރވިއުތަކެއް ކުރިއަށްގެންގޮސްފައިވާއިރު، އިއްޔެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައިވެސް އިންޓަވިއުތަކެއް މިވަނީ ކުރިއަށް ގެންގޮސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަރވިއުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ކޮމިއުނިކޭޝަން އެގްޒެކިއުޓިވް މަރިޔަމް ޝާހިޔާ ވިދާޅުވީ، މި އިންޓަރވިއުތަކުން ކައުންސިލް އިންތިޚާބުގެ މަސައްކަތްތަކަށް 7 ދާއިރާއަކުން މުވައްޒަފުން ނަގާނެ ކަމަށެވެ. މީގެ ތެރޭގައި ހިޔުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ދާއިރާ ހިމެނެއެވެ.

ޝާހިޔާ ވިދާޅުވީ، މި ވޯކް-އިން އިންޓަރވިއުގައި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ދިނުމާއި، ވަޒީފާއަށް އެދޭ ފޯމު ފުރުމާއި، ރަޖިސްޓްރީ ކޮށްދިނުމުގެ އިތުރުން، އެޕްލިކޭޝަން ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކާއި އިންޓަރވިއުކޮށް، ވަޒީފާއަށް ބޭނުންވާ ހުނަރުތަކަށް ބިނާކޮށް ޓެސްޓުތައްވެސް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

މީގެއިތުރުން، ވޯކް-އިން އިންޓަރވިއުތައް ނިންމާލިކަމުގައިވިޔަސް އިންތިޚާބަށް އިދާރީ އޮފިސަރުންގެ ގޮތުގައި މުވައްޒަފުން ނަގަމުންދާނެ ކަމަށް ޝާހިޔާ ވިދާޅުވިއެވެ.

"ވޯކް-އިން އިންޓަރވިއުއިން އަޅުގަނޑުމެންނަށް ފުދޭވަރަކަށް ސަޕޯޓު ލިބިގެންގޮސްފައިވޭ. ވޯކް-އިން އިންޓަރވިއު ނިންމާލިކަމުގައި ވީނަމަވެސް ފެބުރުވަރީ 26ހާ ހަަމައަށް މިއޮތީ ހުޅުވާލެވިފައި، އަޅުގަނޑުމެންނަށް އެޕްލިކޭޝަން ފޯމުތައް މެއިލްކޮށްގެންވެސް އެޕްލައި ކުރެވޭނެ އިންތިޒާމުތައް ހަަމަޖެހިފައިވަނީ." ޝާހިޔާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިންތިޚާބަށް އިދާރީ މުވައްޒަފުންގެ ގޮތުގައި 100އަށްވުރެ ގިނަ މުވައްޒަފުން ބޭނުންވާ ކަމަށް އިލެކްޝަނުން ވަނީ ހާމަކުރައްވާފައެވެ.