ކުޅިވަރު

ކޮންގޯ ދެއްކި ދިފާއީ ކުޅުމަށް ޕޮއިންޓެއް ހައްގު: މާނޭ


ސެނަގާލް އަށް މޮޅުނުވެވުނުއިރު މެޗު އެއްވަރުކޮށްގެން ކޮންގޯ އަށް ޕޮއިންޓެއް ހައްގު ކަމަށް ސެނެހާލް ފޯވަޑް ސާދިއޯ މާނޭ ބުނެފި އެވެ.

އެފްރިކާ ކަޕުގައި މި ދެ ޓީމު ރޭ ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ 61 ވަނަ މިނިޓްގައި ކޮންގޯގެ ބަކަމްބޫ އެވެ. މާނޭ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރީ އޭގެ އަށް މިނިޓް ފަހުންނެވެ.
އެފްރިކާގެ ގަދަ ބާރުތައް ފަހަތަށް ޖައްސާލުމަށް ފަހު އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދި ކޮންގޯ ޓީމުން މި މެޗުގައި ކުޅުނީ ވަރަށް ބޮޑަށް ދިފާއީ ގޭމެކެވެ.

"އެ މީހުންގެ ނުދޭ ކިރިޔާ ވެސް އަހަރުމެން މޫވް ކޮށްލާނެ ފުރުސަތެއް. އެ މީހުން ތިބީ ވަރަށް ޑިފެންސިވްކޮށް. ފަހަތުގައި ތިބެގެން އެ މީހުން ދެއްކި ކުޅުމުން އެ މީހުންނަށް މި މެޗުން ޕޮއިންޓެއް ހައްގުވޭ،" މާނޭ ބުންޏެވެ.

ކުރިން ލިވަޕޫލަށް ކުޅުނު ސައޫދީ އަރަބިއާގެ އައް ނަސްރުގެ ފޯވަޑް ބުނީ ސެނަގާލް އަށް ކުރިއަށް ހުރި މެޗުތަކުގައި ނަތީޖާ ހޯދަން ޖެހުމަކީ ޓީމަށް ކުރިމަތިވާނެ ޕްރެޝަރެއް ކަމަށެވެ.

"އަހަރުމެންގެ ކުޅުން މި މެޗުގައި ވެސް ގޯހެއް ނޫން. އަހަރުމެންނަށް މިހާރު އޮތީ ކުޑަކުޑަ އިތުރު ޕްރެޝަރެއް. މުބާރާތެއްގައި ކުޅޭއިރު ހާއްސަކޮށް އެފްރިކާ ކަޕުގައި ކުޅޭއިރު ފަހުން ކުޅޭ މެޗުތަކުގައި ނަތީޖާ ނެރެން ޖެހުމަކީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އަންނާނެ ކަމެއް. އެކަމަކު އެއީ އަހަރުމެންނަށް ނުކުރެވޭނެ ވަރުގެ ކަމެއް ނޫން،" މާނޭ ބުންޏެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކޮންގޯގެ ކޯޗު ސެބަސްޓިއަން ޑެސަންރޭ ބުނީ އޭނާގެ ޓީމަށް މެޗު ފަށައިގަނެވުނީ ވަރަށް ސްލޯކޮށް ކަމަށާއި ނަމަވެސް ޖުމުލަކޮށް ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ.

އެފްރިކާ ކަޕުގައި ރޭ ބެނިން އާއި ބޮޓްސަވާނާ ކުޅުނު މެޗު 1-0އިން ކާމިޔާބު ކުރީ ބެނިން އެވެ. އަދި ޔޫގެންޑާ އާއި ޓެންޒޭނިޔާ މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.