ޚަބަރު

ފޮރެސްޓް އަތުން ސިޓީ މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފި އެވެ.

ފޮރެސްޓްގެ ސިޓީ ގްރައުންޑް ގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި ސިޓީ އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިން ވަނަ މިނިޓުގައި ސިޓީގެ ތިޖާނީ ރޭންޑާރސް ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް ލީގު ހޯދުމަށް މަސައްކަތް ކުރަމުންދާ ސިޓީ އަށް ނުތަނަވަސްކަން ގެނުވާފައިވަނީ މެޗުގެ 54 ވަނަ މިނިޓުގައި ފޮރެސްޓްގެ އޮމާރީ ހަޗިންސަން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކުރުމާއި ގުޅިގެންނެވެ.

މި މެޗުން ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ރަޔާން ޗާރކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާ އާއިއެކު ސިޓީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން ޖުމްލަ 40 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 42 ޕޮއިންޓެވެ. ސިޓީ އަތުން މި މެޗުގައި ބަލިވި ފޮރެސްޓަށް ލިބިފައިވާ 18 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ.