ކުޅިވަރު

އަވޭ ޓީމަށް ޓިކެޓް ގިނައިން ވިއްކިދާނެ - ބާއްސާމް


އަވޭ ޓީމަށް ކިތަންމެ ގިނައަކުން ޓިކެޓް ވިއްކިދާނެކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. ބައްސާމް ވިދާޅުވީ އަވޭ ޓީމަށް ކިތަންމެ ގިނައަކުން ޓިކެޓް ވިއްކިނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

ފީފާ ގަވާއިދު ބުނާ ގޮތުން އަވޭ ޓީމަށް މެޗްގެ ޓިކެޓްގެ 20 ޕަސެޓް ދޭއްޖެހޭނެއެވެ. މިގޮތަށް ގަވާއިދު ހަދާފައިވަނީ ކޮންމެ ގައުމެއްގައި ކުޅުނަސް އަވޭޓީމަށް ޓިކެޓް ލިބެން އުނދަގޫވުމާ، އަވޭ ޓީމްގެ ސަޕޯޓަރުންނަށް ދަނޑަށް ވަނުމަށް ހުރި ހުރަސްތަށް މަދުކުރުމުގެ ގޮތުންނެވެ. އޭއެފްސީ އޭޝިއަން ކަޕް ޕްރިލިމިނަރީ ބުރުގައި ލާއޯސްއާ ވާދަކުރާ މެޗްއަށް ތައްޔާރުވުމުގެ ގޮތުން މިމަހުގެ 1ވަނަ ދުވަހު ބަންގްލަދޭޝްއާ ރާއްޖެ ވާދަކުރި މެޗްއަށް އިޝާރާތްކޮށް ވާހަކަދައްކަމުން ބައްސާމް ވިދާޅުވީ އަވޭ ޓީމަށް ޓިކެޓް ވިއްކާފައިވަނީ ގިނައިންކަމަށް ގަބޫލްކުރާކަމަށެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ސަޕޯޓަރަކަށް ޓިކެޓް ނުލިބިގެން ދަނޑަށް ނުވަދެވިފައި ނުހުންނާނެކަމަށް ބައްސާމް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14730830612645.jpg|ރާއްޖެއާ ބަންގްލަދޭޝް ވާދަކުރި މެޗްގް ތެރެއިން (ފޮޓޯ: ޕީއެސްއެމް-ވަހީދު)

 ބާއްސާމް ވިދާޅުވީ އަވޭ ޓީމަށް ގިނައިން ޓިކެެޓް ވިއްކައިގެން މައްސަލައަކަށްވާނީ ހޯމް ޓީމްގެ ސަޕޯޓަރުންނަށް ޓިކެޓް ނުލިބިގެން ދަނޑަށް ނުވަދެވުނު ކަމަށްވާނަމައެވެ. ބަންގަލަދޭޝްއާ ރާއްޖެ ވާދަކުރި މެޗަށް ބަންގްލަދޭޝްގެ ސަޕޯޓަރުންވަނީ މެޗް ފެށުމުގެ ގަނޑިއެއްހާއިރު ކުރިން ދަނޑަށް ވަންނަން ފަށާފައެވެ. އަދި  ބައިގަނޑިއެއްހާއިރުގެ ތެރޭގައި ބަންގްލަދޭޝްގެ ސަޕޯޓަރުންވަނީ ދަނޑުގެ ބޮޑުގައި ފުރާލާފައެވެ. އެމެޗާ ބެހޭގޮތުން ވާހަކަދައްކަމުން ބައްސާމް ވިދާޅުވީ މުހިންމު މެޗްއަކަށް ރާއްޖެ ތައްޔާރުވުމަށް ކުޅުނު ރަހްމަތްތެރިކަމުގެ މެޗްގައި ބަގްލަދޭޝްގެ ސަޕޯޓަރުންގެ ފަރާތުން ރާއްޖެއަށް ފައިދާތަކެއްވެސް ކޮށްފައިވާކަމަށެވެ. ބަންގްލަދޭޝްއާ ވާދަކުރި މެޗްގެ ފުރަތަމަ ހާފްގައި ސަޕޯޓަރުންގެ ސަބަބުން ޓީމްއަށް ޕްރެޝަރު ކުރިމަތިވެ، ސަޕޯޓަރުންގެ ޕްރެޝަރާއެކު ރާއްޖެއަށް ވާދަވެރި ފުރަތަމަ ހާފެށް ކުޅުމުގެ ފުރުސަތު ލިބިގެންދިޔަކަމަށް ބައްސާމް ވިދާޅުވިއެވެ. މެޗްއަށްފަހު ރާއްޖޭގެ ގައުމީ ޓީމްގެ ކޯޗްވެސްވަނީ މިކަން ފާހަގަކޮށްފައެވެ.

img:http://s3.psmnews.mv/images/660x400/14730830926591.jpg|ރާއްޖެއާ ބަންގްލަދޭޝް ވާދަކުރި މެޗްގް ތެރެއިން (ފޮޓޯ: ޕީއެސްއެމް-ވަހީދު)

 ބާއްސާމް ވިދާޅުވީ ލާއޯސް މެޗްގައިވެސް އަވޭ ޓީމަށް ޓިކެޓް ލައޯސް ޓީމްއިން އެދޭވަރަށް ލިބޭނެކަމަށެވެ. މިހާތަނަށް ރާއްޖޭގައި ކުޅެފައި ހުރި މެޗްތަކަށް ބާލައިރު، އަވޭ ޓީމްއިން މާގިނަ ސަޕޯޓަރުންތަކެއް ދަނޑަށް ވަދެފައެއްނުވެއެވެ.

މާދަމާ ރޭ އޭއެފްސީ އޭޝިއަން ކަޕް ޕްރިލިމިނަރީ ބުރުގައި ރާއްޖެއާއި ލާއޯސްއާ ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މާދަމަ ރޭ ނުވައެއް ޖަހާއިރުއެވެ.