އެމެރިކާ އާއި ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫ އާއި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތް ގުޅިގެން، އީރާނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންދާކަމަށް އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މާދަމާގެ ވަގުތެއްގައި ބައްދަލުކުރަން ހަމަޖެހިފައިވަނިކޮށް، ޕީޒިޝްކިޔާން ވިދާޅުވި ގޮތުގައި، އީރާނުން އަމިއްލަ ފައިމައްޗަށް ތެދުވަން މި ޤައުމުތަކުން ބޭނުންނުވެއެވެ.
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ ނިިއުލްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އެމެރިކާއިން އީރާނަށް ދިން ޙަމަލާގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
އަދި އީރާންގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅުވައި، އީޔޫގެ ބޮޑެތި ޤައުމުތަކުން ވެސް ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ.
ޕީޒިޝްކިޔާން ވިދާޅުވީ، މިފަދަ ބޮޑެތި ގޮންޖެހުންތަކާއި އެމެރިކާ އާއި ޔަހޫދީން ގުޅިގެން ދިން ޙަމަލާއަށްފަހު، އީރާންގެ އަސްކަރިއްޔާގެ ބުރަ މަސައްކަތުން އީރާންގެ ދިފާޢީ ނިޒާމުތައް ކުރިއަށްވުރެ ވަރުގަދަކޮށްފައިވާ ކަމަށެވެ.
އެއާ އެކު، ޢަދާވާތްތެރިން އިސްވެ އީރާނަށް ދޭ އިތުރު ޙަމަލާތަކުގެ ވަރުގަދަ ރައްދެއް ދެވޭނެ މިންވަރަށް ތައްޔާރުވެވިފައިވާ ކަމަށް ޕީޒިޝްކިޔާން ވިދާޅުވިއެވެ.
އެކި މަސްދަރުތަކާ ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޓްރަމްޕާއި ނަތަންޔާހޫ އާ ދެމެދު މާދަމާ ބާއްވާ ބައްދަލުވުމުގައި، އީރާނަށް އަނެއްކާވެސް ޙަމަލާ ދިނުމާމެދު މަޝްވަރާ ކުރާނެއެވެ.