ޚަބަރު

"ރައްޔިތުންގެ އަޑުއެހުމަކީ ރައީސްގެ ފަރާތްޕުޅުން ދަސްވި އެންމެ މުހިންމު ސިފަ"


  • ސިޔާސީ މަސައްކަތަށް ނުކުންނެވީ ލީޑަރުންގެ ބަހާއި އަމަލު ދިމާވާން ޖެހޭކަން ޤަބޫލުކުރައްވާތީ

  • ރައްޔިތުންގެ ކަންކަމާއި އުޅޭކަމުގައިވާނަމަ ކުރިއެރުން ލިބިގެންދާނެ

ރައްޔިތުންގެ ވާހަކަތައް ކަނުލާ އަޑުއެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސިޔާސީ ދާއިރާގައި ދަސްވި މުހިންމު ސިފައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ސިޔާސީ ދާއިރާއަށް ނުކުންނެވިފަހުން އެކި ލީޑަރުންގެ ފަރާތްޕުޅުން އެއްބާރުލުމާއި ގިނަ ކަންކަން ދަސްވި ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، އެމަނިކުފާނުގެ ބައްޕާފުޅުގެ ސިޔާސީ ހަޔާތުގައި ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން އެ ދާއިރާއަށް ފޫހިކުރެއްވި ކަމަށެވެ. ނަމަވެސް ހިޔުމަން ރައިޓްސް ކޮމިޝަންގައި މަސައްކަތް ކުރެއްވިއިރު އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ނިމުނު ދުވަސްވަރު ރާއްޖޭގެ މަޝްރަހުގައި ހިނގި ކަންކަން ގާތުން ފެނިވަޑައިގެން، އެ ލާއިންސާނީ މަންޒަރުތަކަކީ ސިޔާސީ ލީޑަރުންގެ ފަރާތުން ފެންނަން ބޭނުންފުޅުވި މަންޒަރުތަކެއް ނޫންކަމަށާއި، ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންފުޅުވީ އެކަންކަން ބަދަލު ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ބުނާ ބަހާއި، އަމަލާ ދިމާވާންޖެހޭނެ ކަމަށް އަބަދުވެސް ޤަބޫލުކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޤައުމާއި، ރައްޔިތުންނާއި، އަންނަން އޮތް ޖީލުގެ ޙައްޤުގައި އެފަދަ ލީޑަރުން ތިބެންޖެހޭކަން ގަބޫލުކުރައްވައި، އަނބިކަނބަލުންނާ މަޝްވަރާކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް ނިންމެވީ ކަމަށް ވިދާޅުވިއެވެ. އަދި އޭރު މަޖިލީހުގައި އެކުގައި މަސައްކަތް ކުރެއްވި މެންބަރުންނާއި، މިހާރުގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި އޭރުގެ ސަރުކާރުގެ ބޭފުޅުންގެ ފަރާތުން އެއްބާރުލުން ލިބި، ގިނަ ކަންކަން ދަސްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދުގެ ރައީސުލްޖުމްހޫރިއްޔާއާއެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެއް ސަރުކާރެއްގެ ތެރޭގައި އުޅުނީމަ މީހުން ދައްކާ ވާހަކަ އަޑުއެހުން އެއީ، އަޅުގަނޑަށް ފެނިގެން ދިޔަ ވަރަށް މުހިންމު އެއް ސިފަ. ޚާއްޞަކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އޭރުވެސް އެކަން ދަސްވެގެން ދިޔަ ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި، އަޅުގަނޑުވެސް ބައެއް މީޓިންތަކުގައި އިންނައިރު ކަނުލާ ކަންކަން އަޑުއެހުން. އަޑުއެހުމުގައި އެ ދޭންޖެހޭ ސަމާލުކަން އެ ރައްޔިތަކަށް ދީ އެ ނިމުމަށްފަހު ހަޤީޤަތުގައި ދެން އެ އަންނަނީ އަޅުގަނޑުމެންގެ ރަސްމީ މަސައްކަތް. އެކަމަށް އިޖާބަދީ ޖަވާބުދާރީވުން. މިއީ، އަޅުގަނޑަށް ދަސްވި ވަރަށް މުހިންމު ސިފަތަކެއް،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި 10 އަހަރަށް އިޝާރާތް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރައްޔިތުންގެ ކަންކަމާ އުޅޭ ކަމުގައިވާނަމަ ކުރިއެރުން ލިބިގެންދާނެކަން ފަރެސްމާތޮޑާ ދާއިރާއިން ފެނިގެންދާނެ ކަމަށެވެ. އެގޮތުން، އެމަނިކުފާނު މެންބަރަކަށް ހުންނެވިއިރު ސަރުކާރުތަކުގެ އެއްބާރުލުމާއެކު ވަކި ދާއިރާތަކަށް އެންމެ ބޮޑު ބަދަލެއް އައި އެއް ދާއިރާއަށް ފަރެސްމާތޮޑާ ދާއިރާ ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެމަނިކުފާނު ވަކާލާތު ކުރުމުގައި ވަކި ފަރުދެއްގެ މަސްލަޙަތަށްވުރެ މުޅި ޖުމްލަ މުޖުތަމަޢަށް ފައިދާ ކުރަނިވި އަދި އޭގެ ސަބަބުން ހެޔޮ ބަދަލު އަންނާނެ ކަންކަމުގައި ވަކާލާތު ކުރައްވަން އިސްކަން ދެއްވާ ކަމަށެވެ.