ޚަބަރު

ޗައިނާގަ ކުޅޭ އެކުވެރިކަމުގެ ތިން މެޗު ވަރަށް މުހިންމު: ޒަކިރޯވް


ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ގައުމީ ފިރިހެން ފުޓްސަލް ޓީމު މުބާރާތުގެ ކުރިން ތަޖުރިބާތަކެއް ހޯދުމަށް މާދަމާ ޗައިނާއަށް ފުރުމަށް ހަމަޖެހިފަވާއިރު، އެ ދަތުރުގެ ތެރެއިން އެގައުމުގެ ޓީމުތަކާއި އެކު ކުޅޭ އެކުވެރިކަމުގެ މެޗުތަކަކީ ގައުމީ ފުޓްސަލް ޓީމަށް ވަރަށް މުހިންމު މެޗުތަކެއްކަމަށް ފުޓްސަލް ޓީމުގެ ހެޑް ކޯޗު ފާރޫކް ޒަކިރޯވް ބުނެފިއެވެ.

ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށް ދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން އުޒްބަކިސްތާނުގެ ތަޖުރިބާކާރު ކޯޗު ބުނީ ޗައިނާގައި ކުރާ ކޭމްޕުގެ ތެރެއިން އެ ގައުމުގެ ތިން ޓީމަކާއި ދެމެދު އެކުވެރިކަމުގެ ތިން މެޗު ކުޅުމަށް ރާވާފަވާކަމަށެވެ. މި ތިން މެޗަކީ ގައުމީ ޓީމުގެ ފެންވަރު ދެނެގަތުމަށް ވަރަށް މުހިންމު ތިން މެޗުކަމަށާއި އެމެޗުތަކުގެ ނަތީޖާއަށް ބެލުމަށްފަހު އިތުރަށް ޓީމު ބައްޓަންކުރަންވީގޮތް ދެނެގަނެވޭނެކަމަށް ޒަކިރޯވް ބުންޏެވެ.

"ޗައިނާގަ އަހަރުމެން އެކުވެރިކަމުގެ ތިން މެޗު ކުޅޭނެ. މި ތިން މެޗަކީ އަހަރުމެންނަށް ވަރަށް މުހިންމު ތިން މެޗު. މި މެޗުތަކުން އިނގިގެންދާނެ ޓީމުގެ ފެންވަރު" ކޯޗު ބުންޏެވެ.

ކޯޗު ބުނީ މުބާރާތަށް ތައްޔާރުވުމުގައި ގައުމީ ފުޓްސަލް ޓީމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އައުޓްޑޯ ދަނޑެއްގައި ފަރިތަކުރަމުން އަންނައިރު މުބާރާތުގެ ކުޅުން އިންޑޯ ދަނޑެއްގައި އޮތުމަކީ ކުޅުންތެރިންނަށް ދަނޑަށް ހޭނެން ވަގުތު ނަގާނެކަމެއްކަމަށް ކޯޗު ފާހަގަކުރިއެވެ. އެހެންނަމަވެސް ކޯޗު ބުނެފައި ވަނީ މުބާރާތަށް ނުކުންނާނީ މޮޅުވުމުގެ ރޫހެއްގައިކަމަށާއި ގޮންޖެހުންތައް ގިރާކޮށް އަމާޒަކަށް ހަދާނީ މެޗުތައް ކާމިޔާބުކުރުންކަމަށެވެ،.

"ބައެއް ގައުމުތައް ވަރަށް ވަރުގަދަ. އެހެންނަމަވެސް އެ ގައުމުތަކާއި ދެކޮޅަށް އަހަރުމެން ނުކުންނާނީ މޮޅުވުމުގެ އަމާޒުގައި. ވަރަށް ހިތްވަރު ކުރާނެ މި ޓީމުން" ކޯޗު ބުންޏެވެ.

ޖެނުއަރީ 14 އިން 26 އަށް ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ގައުމީ ފިރިހެން ފުޓްސަލް ޓީމު ޗައިނާއަށް ފުރާނީ މާދަމާއެވެ. 17 ކުޅުންތެރިން މި ކޭމްޕަށް ދިއުމަށްފަހު ޗައިނާގައި އިންޑޯއަށް ފަރިތަވުމަށް ކުޅުންތެރިން ހަދާ ތަމްރީނުތަކަށް ފަހު 14 އަށް ސްކޮޑު ތިރިކުރާނެއެވެ. މި ކޭމްޕަށްފަހު ކުޅުންތެރިން ޗައިނާއިން ސީދާ ދަތުރުކުރާނީ ތައިލޭންޑަށެވެ.

ތައިލޭންޑްގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ދެކޮޅަށް ނިކުންނާނީ 14 ޖެނުއަރީގައެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިޔަށް ގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 14-26 ޖެނުއަރީއަށް ބެންކޮކްގެ ނޮންތްބުރި ސްޓޭޑިއަމްގައެވެ.

ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ 16 ޖެނުއަރީގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މި މެޗަށްފަހު ދެން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ 20 ޖެނުއަރީގައި އިންޑިއާ އާއި ދެކޮޅަށެވެ. އަދި 22 ގައި ނޭޕާލްއާއި ދެކޮޅަށް ކުޅެން ޖެހޭއިރު 24ގައި ރާއްޖެ ނިކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ. ފަހު މެޗުގައި ނިކުންނާނީ 26 ޖެނުއަރީގައި އަވައްޓެރި ސްރީލަންކާ އާއި ދެކޮޅަށެވެ.