ކޮންމެ ކުއްޖަކަށް ޢާއިލާއެއް ސިޔާސަތުގެ ދަށުން މިހާތަނަށް 110 ކުދިން އާޢިލާތަކާއި ހަވާލުކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކޮށްފައިވަނީ އެވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށް ހިންގުމަށް ނިންމާފައިވާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން އިޖުތިމާޢީ ދާއިރާއިން ކުރަން ރާވާފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ. މިމަސައްކަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އެކި ހާލަތްތަކުގައި ޢާއިލާތަކުން ނެގޭ ކުދިން ބެލެހެއްޓުމުގެ ޒިންމާ އެ ވުޒާރާއިން ފުރިހަމައަށް އަދާ ކުރަމުންދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިގޮތަށް ކުދިން ގެންގުޅުނު ނަމަވެސް ޢާއިލާތަކާއި ދުރުގައި ކުދިން ގެންގުޅުމަކީ، އެކުދިންނަށް ބޭނުންވާ ހުނަރުތައް މަދުވާ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި މިހާރު މިކަމުގައި އެންމެ ބޮޑަށް ލިބޭ ހިތްހަމަޖެހުމަކީ، ކުދިންނާއި ހަވާލުވާ އާއިލާތަކުގެ އަދަދު އިތުރުވަމުން ދިއުމެވެ. އަދި ގެންދާ ކުދިން އެ އާޢިލާތަކުން ބަލަހައްޓަމުން ދަނީ ވަރަށް ރަނގަޅަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް ކޮންމެ ކުއްޖަކަށް އާޢިލާއެއް. މި ޕްރޮޖެކްޓުގެ ދަށުން 2023 ގެ ނޮވެމްބަރުން ފަށައިގެން 110 ކުދިން އެކުދިންގެ އާއިލާއަށް ނޫނީ، އައު އާޢިލާތަކާއި ހަވާލުކުރެވިގެން ވަރަށް ރަނގަޅަށް އެބަހިނގާ. އަޅުގަނޑުމެންގެ އެދުމަކީ މި ޕްރޮގްރާމުގައި ބައިވެރިވެ ކުދިން ބެލެހެއްޓުމުގައި ވުޒާރާއާއި ގުޅިގެން މަސައްކަތް ކުރުން " ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ހިންގަމުންދާ ކޮންމެ ކުއްޖަކަށް އާޢިލާއެއް ޕްރޮގްރާމުގެ އިތުރުން އަމާން ވެށިތައް އިތުރަށް ތަރައްޤީކޮށް ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން މިފަހުން ފ. އަތޮޅުގައި އަމާންވެއްޓެއް ޤާއިމް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިމަސައްކަތާއިއެކު އަމާންވެށިތަކުގައި މިހާރުވެސް ގެންގުޅޭ ކުދިން އެތަނުން ނިމޭވަރަކުން މުޖުތަމަޢުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް އިންޓާންޝިޕް ފުރުސަތު ހޯދައިދީ، އެކުދިންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފުރުސަތު ހޯދައިދެމުންދާ ކަމަށެވެ. މިކަމުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވުޒާރާއިން މިއަހަރު ކުރި މަސައްކަތުން 23 ކުދިންނަށް އިންޓާންޝިޕް ފުރުސަތު ހޯދައިދީ، 40 ކުދިންނަށް އެކި ތަމްރީނުތައް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިންވެސް ބައެއް ކުދިން ނިމިގެން ދިޔަކަން ފާހަގަކުރައްވާ ވަޒީރު ވަނީ، މިއީ ވުޒާރާގެ މަސައްކަތްތަކުގެ ތެރެއިން ލިބުނު އުފަލެއްކަން ފާހަގަކުރައްވާފައެވެ.