ސިވިލް ސާރވިސްގެ ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެމީހަކަށް ދެމުން އައި ރިޓަޔަމެންޓް ޕެންޝަން އެ މުއްދަތުގައި ނުލިބޭ ގޮތަށް ސިވިލް ސާރވިސް ޤަވާއިދު އިސްލާޙުކޮށްފިއެވެ.
ސިވިލް ސާރވިސް ކޮމިޝަންގެ ޤަވާއިދަށް ގެނައި އިސްލާޙުގައި ބުނެފައިވަނީ، ވަޒީފާއިން މުސްކުޅި ކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަޤާމަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ އެވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެމީހަކަށް މުސްކުޅި ކުރުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ. ޤަވާއިދުގައިވާ ގޮތުން ކުރިން ލިބެމުން ދިޔަ މުސްކުޅި ކުރުމުގެ އިނާޔަތުގެ ފައިސާ މަހުން މަހަށް ދޫކުރަން ފެށޭނީ، އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށެވެ.
ޤަވާއިދުގައިވާ ގޮތުން އެ ހާލަތުގައި ހުންނަ މީހަކު ވަޒީފާއިން މުސްކުޅި ކުރުމަށްފަހު، އަލުން އަދާކުރަން ފެށި ދައުލަތުގެ އިންތިޚާބީ މަޤާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށާފައިވާކަން ޕެންޝަން އޮފީހަށް އަންގަންވާނެއެވެ. އެގޮތަށް ނާންގާ ވަޒީފާ އަދާކުރާ މުއްދަތުގައި ރިޓަޔަމެންޓް ޕެންޝަން އެލަވަންސް ލިބިއްޖެނަމަ، އެފައިސާއެއް އަނބުރާ ދައުލަތަށް ދައްކަންޖެހޭނެ ކަމަށްވެސް ސިވިލް ސާރވިސް ކޮމިޝަނުން ވިދާޅުވެއެވެ.
ރިޓަޔަރ ކުރުމުން ދިގު މުއްދަތަށް ޕެންޝަން ލިބޭ އިދާރާތަކުގެ ތެރޭގައި ފުލުހުންގެ އިދާރާއާއި، އެމްއެންޑީއެފާއި، ކަސްޓަމްސް އަދި އިމިގްރޭޝަނާއި، ކަރެންޝަންސް ފަދަ އިދާރާތައް ހިމެނެއެވެ. ކުރިން އެފަދަ އިދާރާތަކުން ރިޓަޔަރ ކުރުމަށްފަހު އިންތިޚާބީ މަޤާމުތަކަށް އަންނަ މީހުންނަށްވެސް ޕެންޝަން އެލަވަންސް ދިޔައީ ލިބެމުންނެވެ.
ނަމަވެސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ބައެއް މަޤާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު އެ ބޭފުޅުންނަށް މަޤާމުގެ މުސާރައިގެ އިތުރުން ރިޓަޔަމަންޓް އެލަވަންސްވެސް ލިބޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ހައްލެއް ގެނައުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާރވިސްގެ ޤަވާއިދުތައް ބަދަލުކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެއާއެކު ދާދިފަހުން ވަނީ، ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު އެހެން މަޤާމަކަށް އައްޔަން ކުރާ ނުވަތަ އިންތިޚާބުވާ މީހުންނަށް ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް އުޞޫލަށް ބަދަލު ގެނެސްފައެވެ.