މިއަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ހާސިލްކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރުމަށާއި އައު އަހަރަށް މަރުހަބާ ކިޔުމަށް "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް"ގެ ނަމުގައި ހާއްސަ ފެސްޓިވަލެއް ފަށައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި ފެސްޓިވަލަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާގެ އިތުރުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ.
މިއަދު ހަވީރުން ފެށިގެން ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލުގެ ތެރެއިން އައު އަހަރާ ގުޅުވައިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކާބޯތަކެތީގެ ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަފާތު ބާވަތްތައް ލިބޭނެ ފުޑް ސްޓޯލްތަކެއްވެސް މި ސަރަޙައްދުގައި ބަހައްޓާފައިވެއެވެ. އަދި އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން އެކި ކުޅިވަރުތައްވެސް މި ސްޓޯލްތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ކުޑަކުދިން ވަރަށް ގަޔާވާނެ ގޮތަކަށް ސްޓޯލްތައް ހުރުމާއެކު، މި ހަރަކާތްތަކަކީ ވަރަށް މަޖާ ހަރަކާތްތަކެއް ކަމަށް ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް ކުދިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޑްރޯން ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަވާ އެރުވުމުގެ ހަރަކާތްތަކާއި، ރާއްޖޭގެ މުއްސަނދި ސަޤާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތައް މި ފެސްޓިވަލުގެ ތެރެއިން ކުރިއަށްގެންދާނެއެވެ.
އައު އަހަރަށް މަރުހަބާ ކިޔުމަށް ކޮންމެ އަހަރަކުވެސް ސެންޓްރަލް ޕާކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ.