ކުޅިވަރު

16 އަހަރުންދަށުގެ ފިރިހެންބައިގެ ޗެންޕިއަންކަން މާފުށީ ސްކޫލަށް


އިންޓަރ ސްކޫލް ވޮލީ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެންޕިއަންކަން މާފުށި ސްކޫލްއިން ހޯދައިފިއެވެ. 

16 އަހަރުންދަށުގެ ފިރިހެންބައިގެ ޗެންޕިއަންކަން މާފުށި ސްކޫލްއިން ހޯދާފައިވަނީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގައި ގޮއިދޫ ސްކޫލްއާ ވާދަކޮށް ސީދާ 3 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ސެޓްތަށް މާފުށި ސްކޫލްއިން ގެންދިޔައީ 25-19، 25-22 އަދި 25-13އިން. މިބައިގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާފުށި ސްކޫލްގެ އަހުމަދު ޝާވީން ޝިހާމްއެވެ. މިމުބާރާތުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ 14 އަހަރުންދަށުގެ ފިރިހެން އަދި އަންހެންބައިގެ ފައިނަލް މެޗެވެ. މާދަމާ މެންދުރު 2ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ އަންހެންބައިގެ ފައިނަލް މެޗްގައި ވާދަކުރާނީ މަދަރުސަތުލް ޝެޢިޙް މުހައްމަދު ޖަލާލުއްދީން ސްކޫލް އާއި ގޮއިދޫ ސްކޫލްއެވެ. 

އަދި މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ 14 އަހަރުންދަށުގެ އަންހެންބައިގެ ފައިނަލް މެޗްގައި ވާދަކުރާނީ މުހިއްދީން ސްކޫލްއާ ތާޖުއްދީން ސްކޫލްއެވެ.