ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ ފޯމުތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަދައިފިއެވެ.
މިއީ، ކެންޑިޑޭޓުންގެ ފޯމު ޑިޖިޓަލްކޮށް ބަލައިގަންނަ ފުރަތަމަ ފަހަރެވެ.
އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާޙު ސަޢީދު ވިދާޅުވީ، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި އެއްވެސް ކަރުދާސް ފޯމެއް ބަލައި ނުގަންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ފޯމު ހުށަހަޅަންވާނީ، އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ފޯމާއެކު ކުށާއި، ދަރަނީގެ ރެކޯޑުވެސް އެ ޕޯޓަލަށް ހުށަހެޅޭނެ ކަމަށް ވިދާޅުވިއެވެ.
އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ކުރިން ތާޢީދު އޮތްކަން ހާމަކޮށްދޭން ސޮއި ހޯދުމަށްފަހު ފޯމު ހުށަހަޅަން ޖެހުނު ނަމަވެސް މި އިންތިޚާބުގައި ފޯމު ހުށަހެޅުމުން، އެ ކެންޑިޑޭޓުން މައުލޫމާތު ފޮނުވާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ތާޢީދު ކުރުމުގެ ރިކުއެސްޓް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިޝާޙު ވިދާޅުވިއެވެ. އަދި ފޯމާއެކު ހުށަހަޅަންޖެހޭ ރެކޯޑުތައް ނެގޭނެ އިންތިޒާމު ޑީޖޭއޭގެ ޕޯޓަލް މެދުވެރިކޮށް އަދި ކަރެކްޝަނަލް ސަރވިސްއަށް މެއިލް ކޮށްގެންނާއި، މީރާއިން ޓެކްސް ކްލިއަރެންސް ނެގޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވިޝާޙު ވިދާޅުވީ، އިންތިޚާބަށް ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ޕޯޓަލް ހުޅުވާލައި، ފޯމު ހުށަހަޅާނެ ގޮތުގެ ތަފްސީލީ ގައިޑެއް އާއްމު ކުރާނެ ކަމަށެވެ. ޕޯޓަލް ހުޅުވާލުމުން ކޮންމެ ކެންޑިޑޭޓަކަށްވެސް ފޯމު ފުރިހަމަކޮށް ޕޯޓަލްގައި ސޭވް ކުރެވުނު ނަމަވެސް ފޯމު ހުށަހެޅޭނީ، އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ހުޅުވާލުމުން ކަމަށް ވިދާޅުވިއެވެ.
މައި ޕޯޓަލް މެދުވެރިކޮށް ފޯމު ބަލައިގަންނަ ގޮތަށް ބަދަލުކުރި ނަމަވެސް އިންތިޚާބާ ގުޅޭ ހުރިހާ މަސައްކަތެއްވެސް ކުރިއަށްދާނީ، ދެފުށް ފެންނަ ގޮތަށް ކަމުގެ ޔަޤީންކަން ވިޝާޙު ދެއްވިއެވެ.
" އެންސީއައިޓީއާވެސް ވާހަކަ ދައްކާފައި މިގޮތަށް އަޅުގަނޑުމެން މި ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ދިމާވެދާނެ ޓެކްނިކަލް އިޝޫތަކަށް އެޓެންޑްވުމަށް ކޮމިއުނިކޭޝަންތަކެއް ހިންގިފައިވަނީ. ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅޭއިރު، އެ މައުލޫމާތަކީ ސައްޚަ މައުލޫމާތެއް ހަމަޔަގީނުންވެސް. އިލެކްޝަންސް ކޮމިޝަންގެ އަމާޒަކީ، ޑިޖިޓަލްކޮށް ހުށަހެޅޭއިރުވެސް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އިންތިޚާބަށް ކުރިމަތިލުމުގެ ޙައްޤު އެންމެނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން،" ވިޝާޙު ވިދާޅުވިއެވެ.
ވިޝާޙު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން މި ބަދަލު ގެނައީ، ކައުންސިލް އިންތިޚާބަކީ އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާ އިންތިޚާބަށްވެފައި ފޯމު ހުށަހަޅާ ފަރާތްތަކާއި، އެ ކޮމިޝަންގެ މުވައްޒަފުންނަށްވެސް ލުއިގޮތްތަކެއް ހޯދައިދިނުމަށެވެ. ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުން ކެންޑިޑޭޓުންނަށް އެ ފޯމުގެ އެންމެ ފަހުގެ އަދާހަމަ ލިބިގެންދާނެއެވެ. އަދި ސިޔާސީ ޕާޓީތަކަށް، "ސިމެދަ" ޕޯޓަލް މެދުވެރިކޮށް، އެ ޕާޓީގެ ކެންޑިޑޭޓުންގެ އަދާހަމަވެސް ބަލާލެވޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަނީ، 2023ގައި ބޭއްވި ރިޔާސީ އިންތިޚާބުން ފެށިގެން އެ ކޮމިޝަނުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި އެ ކޮމިޝަނުން ވަނީ އޮފިޝަލުންގެ ފޯމުތަކާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ފޯމުތައްވެސް ޕޯޓަލް މެދުވެރިކޮށް ބަލައިގަންނަމުންނެވެ.
ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުމާ ގުޅޭގޮތުން އައި ބަދަލަށް ސިޔާސީ ޕާޓީތައް އަހުލުވެރި ކުރުވައި، އާންމުން ހޭލުންތެރި ކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.