ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ-ޕާކު ރެޒިޑެންސްގެ ފްލެޓުތަކުގެ މައްސަލައިގައި ޙަސަން މަމްދޫހާއި ޖައިޝާން ސަޢީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެފައިވާތީ މަމްދޫހަށް 393 އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އަދި ޖައިޝާނަށް 159 އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
މަމްދޫހާއި ޖައިޝާންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލީ މަމްދޫޙާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ޗައިނާ، ޖިން ޝިހޫގެ ސޮއި ފޯޖު ކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ އިމާރާތުގެ އެޕާރޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއި ޙީލަތުން ޢާންމު ފަރާތްތަކަށް ވިއްކުމާ ގުޅިގެންނެވެ. މި މައްސަލައިގައި މަމްދޫހާއި އޭނާގެ ބައިވެރިން ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުޙުމަތު ކުރެވެއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އަޑުއެހުމުގައި މަމްދޫހާއި ޖައިޝާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ވަނީ ސާބިތުވެފައެވެ. އެގޮތުން މަމްދޫހުގެ މައްޗަށް ޓެކުންގެ 46 ދަޢުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދަޢުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ 3 ދަޢުވާ އަދި މަނީ ލޯންޑްރިންގެ 1 ދަޢުވާ ވަނީ ސާބިތުވެފައެވެ.
ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މަމްދޫހުގެ މައްޗަށް ސާބިތުވި ޓެކުމުގެ ދަޢުވާތަކަށް 364 އަހަރުގެ ހުކުމެއް އިއްވާފައެވެ. އަދި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގައި 13 އަހަރާއި 2 މަހާއި 12 ދުވަހުގެ ހުކުމެއް އިއްވާފައިވާއިރު މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގައި 1 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލުހު ހުކުމެއް އަދި މަނީ ލޯންޑަރިންގެ ކުށުގައި 15 އަހަރުގެ ޖަލުހުކުމެއް ވަނީ އިއްވާފައެވެ.
މިއާއެކު މަމްދޫހަށް އިއްވާފައިވަނީ ޖުމްލަ 393 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމުގެ ހުކުމެކެވެ. ޖަލު ހުކުމުގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގައި މަމްދޫހުގެ މައްޗަށް 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައިގައި ޖައިޝާންގެ މައްޗަށް ސާބިތުވި ޓެކުމުގައި ބައިވެރިވުމުގެ 45 ދަޢުވާއާ ގުޅިގެން 140 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ 40 ދަޢުވާއާ ގުޅިގެން 12 އަހަރާއި 4 މަހާއި 18 ދުވަހުގެ ހުކުމެއް އިއްވާފައިވާއިރު މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެގިހުރެ ސައްޚަ ނޫން ލިޔުމެއް ދިނުމުގެ 3 ދަޢުވާއަކާ ގުޅިގެން 1 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ދައުވާގައި 5 އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މިއާއެކު ޖައިޝާން ޖުމްލަ 159 އަހަރާއި 7 މަހަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލާގައި މަމްދޫޙާއި، ޖައިޝާންފގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތެރެއިން 16 ދަޢުވާއެއް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އެ ދަޢުވާތައް ސާބިތުނުވާކަމަށް ނިންމަވާފައިވަނީ އެ ދަޢުވާތަކާ ގުޅިގެން ބަދަލު ލިބޭ ފަރާތްތަކުން ހެކިބަސްދޭން ކޯޓަށް ހާޒިރު ނުވާތީއެވެ.