ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ 2026 ވަނަ އަހަރުގެ ބަޖެޓު ފާސްކޮށްފިއެވެ.
ސީބީއެމްގެ ބަޖެޓް ފާސްކޮށްފަވަނީ އިއްޔެ އެއެސޯސިއޭޝަނުގެ ބޯޑުގެ މީޓީންގއިންގައި ބައިވެރިވި ކްލަބްތަކުގެ އަޤްލަބިއްޔަތުންނެވެ.
މި ބަޖެޓު ފާސްކޮށްފަވަނީ ކުރިކެޓް ކުރިއަރުވާ، ތަރައްޤީ ކުރުމަށް އިސްކަންދީގެންކަމަށްވާއިރު 7،526،887.00 (ހަތް މިލިޔަން ފަސްލައްކަ ސައްބީސް ހާސް އަށްސަތޭކަ އަށްޑިހަ ހަތް ރުފިޔާ) ގެ މި ބަޖެޓުގެ ބޮޑު ބައެއް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާނީ، ޖޫނިއަރ އަދި ޔޫތު ޑިވެލޮޕްމަންޓަށެވެ. 2026 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 7،604،735.00 (ހަތް މިލިޔަން ހަ ލައްކަ ހަތަރުހާސް ހަތްސަތޭކަ ތިރީސް ފަސް ރުފިޔާ) އެވެ.މީގެ ތެރޭގައި ހިމެނޭނީ ކުރިކެޓް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ކުރިކެޓް ކައުންސިލުން ދޭ ހިލޭ އެހީއާއި، އިދާރީ ހިންގުމަށް ސަރުކާރުން ދޭ ފައިސާއެވެ. މީގެ އިތުރުން އޭޝިޔަން ކުރިކެޓް ކައުންސިލުން ދޭ އެހީ އާއި، މުބާރާތްތަކުގެ ސްޕޮންސަރޝިޕުންނާއި، އެހެނިހެންގޮތް ގޮތުން ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ ފައިސާވެސް މީގެ ތެރޭގައިވަނީ ހިމަނާފައެވެ.
ސީބީއެމްގެ އަންނަ އަހަރުގެ ބަޖެޓަށް ބަލާއިރު، ބަޖެޓްގެ 38 ޕަސެންޓް ޚަރަދުކުރުމަށް ކަނޑައަޅާފައިވަނީ ޖޫނިއަރ އަދި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކަށާއި، ކޯޗުންގެ މުސާރައަށެވެ. އެޔަށްފަހު ފަނަރަ އިންސައްތަ ހައިޕާފޯމަންސަށްވަނީ ކަނޑައަޅާފައެވެ. އަދި ކުރިކެޓް ވަސީލަތްތައް ތަރައްޤީ ކުރުމަށް 13 ޕަސެންޓް ކަންޑައަޅާފައިވާއިރު، 12 ޕަސެންޓް ޚަރަދުވާނެކަމަށް ލަފާކޮށްފަވަނީ އިދާރީ މުވައްޒަފުންނަށެވެ.
ފެށޭ އަހަރަށް ސީބީއެމްއިން ކަނޑައެޅި ބަޖެޓާއި ގުޅޭގޮތުން ސީބީއެމްގެ ރައީސް މުހަންމަދު ފައިސަލް މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވެފަވަނީ 2026 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރެވިފަވާނީ ޖޫނިއާ ކުރިކެޓާއި ޔޫތު ކުރިކެޓަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެންކަމަށެވެ. އަދި ކުރިކެޓު ބޯޑުން ކުރިއަށް އޮތް ތިން އަހަރަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ މި ކުޅިވަރުން އައު އެތުލީޓުން އުފެއްދުމާއި ކުޑަކުދިންގެ ހިތުގައި ހިތުގައި ކުރިކެޓަށް ޝައުގުވެރިކަން އުފެއްދުންކަމަށް ފައިސަލް ވިދާޅުވެފަވެއެވެ.
ސީބީއެމްއަށް މިއަހަރަކީވެސް ކާމިޔާބު އަހަރެކެވެ. އެގޮތުން އެއެސޯސިއޭޝަނުގެ ބޯޑުން މިއަހަރު ކުރެވުނު މަސައްކަތުގެ ދަށުން މިހާރުވަނީ 16 އަހަރުންދަށާއި، 19 އަހަރުން ދަށުގެ ސްކޮޑްތަކެއް އެކުލަވާލާފައެވެ. އެހެންކަމުން އަންނަ އަހަރަށް އެކުލަވާލި ބަޖެޓުގައިވަނީ މި ކުޅުންތެރިންނަށް މެޗު ތަޖުރިބާ ހޯދައިދިނުމަށް ފުރުސަތުތައް ފަހިކުރުމަށް ކަނޑައަޅާފައެވެ. މީގެ އިތުރުން ސީބީއެމްގެ ބޯޑުން ކުރިކެޓް ތަރައްޤީ ކުރުމަށް މުސާރަދޭ ކޯޗުންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ރަނގަޅު ނަތީޖާތައް ހާސިލްކުރުމަށް ބާރުއެޅުމުގެ ގޮތުން އައު ކޮންޓްރެކްޓްތަކެއް އެކުލަވާލާ އެ ކޮންޓްރެކްޓް ތެރެއިން އެ ފަރާތްތައް އިތުރަށް ޒިންމާދާރު ކުރުވުމަށްވަނީ ނިންމާފައެވެ.
މިބަޖެޓާއި ގުޅޭގޮތުން ފައިސަލް އިތުރަށް ވިދާޅުވެފަވަނީ ސީބީއެމްގެ އެގްޒެކެޓިވް ކޮމިޓީގެ އަމާޒަކީ ބޯޑަށް ލިބޭ އާމްދަނީއިން ދެކޮޅުޖެހޭ، ބެލެންސް ބަޖެޓަކާއިއެކު މަސައްކަތްކުރުންކަމަށެވެ. އަދި މި އަހަރުގެ ކުރިކެޓް ބޯޑުން އަމާޒު ހިފި އެންމެހާ ކަންކަން ކަލަންޑަރާއި އެއްގޮތަށް ނިންމާލެވުނުކަމަށާއި، މިއަހަރުގެ އާމްދަނީއިން ކޮންމެވެސް ވަރެއް ސަލާމަތްކުރެވި ސޭވިންގސްގެ ގޮތުގައި 2026 ވަނަ އަހަރުގެ ބަޖެޓަށް އެބައި އިތުރުކުރެވިފައިވާނެކަމަށް ފައިސަލްވަނީ މައުލޫމާތުދެއްވާފައެވެ.