ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ހުޅުވާލުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ދެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހަޅަންޖެހޭނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ. އަދި މި ފުރުސަތު އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި އޮންނާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ތުޅާދޫގެ ހައުސިން ޔުނިޓްތަކަކީ މީގެ ކުރިން ދޫކުރުމުގެ މަސައްކަތް ފަށައި، އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ ތަންތަނެވެ. ކުރީގެ ސަރުކާރުގައި މި ޔުނިޓްތައް ހަވާލުކުރުމުގެ ޒިންމާ ތުޅާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް، އެކުލަވާލި އުސޫލުތަކާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހެޅި، އެ މަސައްކަތް ވަނީ ގާނޫނީ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.
ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން ކުރި ހުކުމެއްގައި ވަނީ، ފްލެޓް ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ ގާނޫނާ ހިލާފު ބަދަލުތަކެއް ކަމަށެވެ. އެހެންކަމުން، ކުރިން އާންމުކުރި އުސޫލަށް އަމަލުކުރުމަށް ކޯޓުން އަމުރުކުރި ނަމަވެސް، އެކި މައްސަލަތަކާ ހުރެ މިހާތަނަށް އެ ތަންތަން ހަވާލުކުރެވިފައެއް ނުވެއެވެ.
މި މައްސަލަތައް ބޮޑުވެ، ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މުޅި މަސައްކަތް އިމާރާތްކުރުމާބެހޭ ވުޒާރާއިން އަލުން އަތުލާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ވުޒާރާއިން އޭރު ވިދާޅުވީ، މިހާރު މި ޔުނިޓްތައް ދޫކުރާނީ އަލަށް އެކުލަވާލާފައިވާ ހަރުދަނާ އުސޫލެއްގެ ދަށުން ކަމަށެވެ.
ވިލުފުށީގައި 100 ހައުސިން އެޅުމުގެ މަސައްކަތަކީ، 2011ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން ފެށި މަޝްރޫޢެކެވެ.
ހައުސިންގ ޔުނިޓުތަކުގެ އިމާރާތްކުރާތްކުރުމާ ގުޅޭ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. އަދި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާ ވިއުގަ ގުޅާ، ޚިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފަވަނީ 13،809،463.64 (ތޭރަ މިލިޔަން އަށްސަތޭކަ ނުވަ ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ފަސްދޮޅަސް ހަތަރު) ލާރިއަށެވެ.