ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މީލާދީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ބޭރު ޤައުމުތަކުގެ އިސްވެރިންނަށާއި، ސަރުކާރުތަކަށާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ރަޙްމަތްތެރި ޤައުމުތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، މީލާދީ އައު އަހަރުގެ މުނާސަބަތުގައި އެ ޤައުމުތަކުގެ ވެރިންނަށާއި، ޤައުމުތަކުގެ ސަރުކާރުތަކަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އައު އަހަރުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.
އަދި މިފެށޭ އައު އަހަރަކީ، ތަނަވަސްކަމާއި އުފާފާގަތި އަދި ކާމިޔާބު އަހަރަކަށްވުމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ހަމަ އެހެންމެ މި ފެށޭ އައު އަހަރަކީ، އެ ޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއް ޤައުމުން އަނެއް ޤައުމަށް ދޭ އެއްބާރުލުން އިތުރު ވެގެންދާނެ އަހަރަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި އައު އަހަރުގެ ތަހުނިޔާގެ މެސެޖުތަކުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލު ކުރުމަށާއި، ދުނިޔޭގެ ހާލަތު ރަނގަޅު ކުރުމަށް އެފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިއެވެ.