ޚަބަރު

2025: ރައްޔިތުންނާ ގާތަށް، ގިނަ ލުއިތަކާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް!


  • ރައީސްވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބައްދަލުވުންތަކެއް ބާއްވަވާފައި

  • މުޅި ރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދިޔަ

ހުސްވި 2025 ވަނަ އަހަރަކީ ރާއްޖޭގެ މަސްރަހުން މުހިންމު ގިނަ ކަންތައްތަކެއް ހިނގައިގެން ދިޔަ އަހަރެކެވެ. ތަރައްޤީއާއި، ވިޔަފާރިއާއި އިޤްތިޞާދާއި، ކުޅިވަރާއި ސިއްހީ ދާއިރާއިންވެސް 2025 ވަނަ އަހަރުގެ ތެރޭގައި މުހިންމު ކަންކަން ވަނީ ހިނގާފައެވެ. މި ރިޕޯޓްގައި މި ބަލާލަނީ 2025 ވަނަ އަހަރު ހިނގާދިޔަ މުހިންމު ބައެއް ކަންތައްތަކައް ކުރު ގޮތަކަށެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުން

ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މުދަލުންނާއި އިމްޕޯޓްކުރާ މުދަލުން ޑިއުޓީ މަޢާފް ލިބޭ ގޮތައް އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށީ ޖަނަވަރީމަހުގެ ފުރަތަމަ ދުވަހުއެވެ. މިއީ ރާއްޖެއިން އަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ ފުރަތަމަ އެއްބަސްވުމެވެ.

ރައީސުލްޖުމްހޫރިއްޔާ "ރައްޔިތުންނާ ގާތަށް" ސިލްސިލާ ދަތުރުފުޅުތަކެއް ފެއްޓެވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ސިލްސިލާ ދަތުރުފުޅުތަކެއް ފެއްޓެވީ ޖަނަވަރީމަހުގެ 5ވަނަ ދުވަހުއެވެ.

އަހަރު ނިމުނުއިރު ރައީސް ވަނީ އަތޮޅުތެރޭގެ ހުރިހައި ރަށަކަށް ވަޑައިގަންނަވާ ހުރިހައި ކައުންސިލްތަކާއި ބައްދަލުކުރައްވާފައި. މި ދަތުރުފުޅަކީ ރައްޔިތުންނާއި ގާތަށް ވަޑައިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފެއްޓެވި ދަތުރުފުޅެއް.

މި ދަތުރުފުޅުގެ ތެރެއިން ރަށްރަށުގައި ތަރައްޤީގެ ބޮޑެތި ބިޔަ މަޝްރޫއުތަކެއް ވަނީ ފައްޓަވާފައެވެ. ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ފައްޓަވާފައިވާއިރު "މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް މަޝްރޫއު" ގެ ދަށުން ރާއްޖޭގެ ހުރިހައި ރަށެއްގައި ވަނީ އޭޓީއެމް ހުޅުވާފައެވެ. މިއީ އަތޮޅުތެރޭގައި ތިބެގެން ފައިސާ ޖަމާކޮށް ނެގޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

މީގެއިތުރުން 2025 ވަނަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މާލޭގެ ހުރިހައި އަވަށްތަކެއްގެ ރައްޔިތުންނާއި ބައްދަލުކުރެއްްވުމަށް ވަކިވަކިން ބައްދަލުވުންތަކެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައްވާފައެވެ. އަދި އެކަންކަން ރައީސް ވަނީ އަޑުއައްސަވާފައެވެ. އަވަށްތަކުގެ ރައްޔިތުންގެ އިތުރުން ރައީސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި، މަސްވެރިންނާއިވެސް މިދިޔަ އަހަރުގެ ތެރޭގައި ބައްދަލުކުރައްވާފައެވެ.

ޤައުމީ އެއާލައިނަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް

ޤައުމީ އެއާލައިން، މޯލްޑިވިއަން ދަތުރުތަކުގައި ބޭނުންކުރުމަށް ފުރަތަމަ ފަހަރަށް ގެނައި، ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ ޖަނަވަރީ 6 ވީ ހޯމަ ދުވަހުއެވެ. މޯލްޑިވިއަންގެ ޚިދުމަތަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓަކީ އޭ330ގެ 200 ވޭރިއަންޓުގެ ބޯޓެކެވެ. މިއީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ރަމަޟާންމަހު ޢުމްރާއަށްދާ ކޮންމެ މީހަކަށް ޑެބިޓް ކާޑުގެ ލިމިޓް 1500 ޑޮލަރަށް އިތުރުކުރުން

ރަމަޟާންމަހު ޢުމްރާއަށްދާ ކޮންމެ މީހަކަށް ރަސްމީ ރޭޓުގައި، ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2025ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 10ވަނަ ދުވަހުއެވެ. ބީއެމްއެލްގެ ޑެބިޓް ކާޑުގެ ކުރީގެ ލިމިޓަކީ 250 ޑޮލަރެވެ. ރައީސްގެ މިނިންމެވުމާއިއެކު ކޮންމެ ޢުމްރާވެރިއަކަށް 1750 ޑޮލަރު ރަސްމީ ރޭޓުގައި ލިބޭނެއެވެ.

ފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމުގެ ބިޔަ މަޝްރޫޢެއް

ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ބިޔަ މަޝްރޫއެއް 2025ވަނަ އަހަރުގެ މާރިޗު މަހުގެ 14 ވަނަ ދުވަހު ފުލުހުން ޢިއުލާން ކުރެއްވިއެވެ. 75 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ބިނާކުރަން އެކި ކުންފުނިތަކާއި ވަނީ ހަވާލުކޮށްފައެވެ.

ޖެނެރޭޝަނަލް ބޭން އިޢުލާންކުރުން

2007ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް 2025ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ދުންފަތް މަނާކުރަން ސަރުކާރުން ނިންމެވިކަން އިޢުލާންކުރެއްވީ 2025ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. މިގޮތައް ނިންމަވާފައިވަނީ 2025ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ތުރުކީގައި ފުރަތަމަ ފަހަރަށް ދިވެހި އެމްބަސީއެއް

ތާރީޚުގައި ފުރަތަމަ ފަހަރަށް ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ޤާއިމްކޮށްފައިވަނީ 2025ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15ވަނަ ދުވަހުއެވެ. އެމްބަސީގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ އެމްބަސީގައި ބޭއްވި ޚާއްސަ ދިދަނެގުމުގެ ރަސްމިއްޔާތަކާއިއެކު ޚާރިޖީ ވަޒީރު ޑރ.އަބްދުﷲ ޚަލީލާއި ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއިއާއި ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްއެވެ.

15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުން

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ބޭއްވެވި "މަޝްހޫރު" ދިގު ނޫސްވެރިންގެ ބައްދަލުވުން އޮތީ 2025ވަނަ އަހަރުގެ މެއި މަހުގެ 3ވަނަ ދުވަހުއެވެ. މި ބައްދަލުވުން ދުނިޔޭގެ ސަމާލުކަމަށްވެސް އައިސްފައިވެއެވެ.

މޯލްޑިވްސް 2.0 އިފްތިތާޙުކުރުން

ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވީ 2025ވަނަ އަހަރުގެ މެއި މަހުގެ 9ވަނަ ދުވަހުއެވެ.

މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މުލަކަތޮޅުގެ ފުރަތަމަ އެއަރޕޯޓު ރައީސް ހުޅުވައިދެއްވުން

މުލަކަތޮޅުގެ ފުރަތަމަ އެއަރޕޯޓު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ 2025ވަނަ އަހަރުގެ މެއި މަހުގެ 20ވަނަ ދުވަހުއެވެ. ޑޮމެސްޓިކް އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގައި 1200 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައްޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ.

މައްކާ ރޫޓް އިނިޝިއޭޓިވް ޚިދުމަތް އިފްތިތާޙުކުރުން

ދިވެހި ޙައްޖުވެރިންނަށްދޭ ޚިދުމަތްތައް ލުއި ފަސޭހަކުރުމުގެ ގޮތުން 2025ވަނަ އަހަރުގެ މެއި މަހުގެ 26ވަނަ ދުވަހު، މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިފްތިތާޙުކޮށްދެއްވިއެވެ.

ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައޫދީގެ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އިމިގްރޭޝަންގެ މަތީފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފްދެއްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ގެދޮރު އެޅުމަށް ހިޔާވަހި ފައިނޭންސް" ޕްރޮގްރާމް އިފްތިތާޙުކުރުން

ލޯނު ދޫކުރުމަށް ބީއެމްއެލްއާއި ސަރުކާރުން އެއްބަސްވީ ޖޫން މަހުގެ 24 ގައި. މި ޕްރޮގްރާމް މެދުވެރިކޮށް އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި ލޯނު ދޫކުރާއިރު އަނބޫރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

"މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީ

ޑޮކިއުމަންޓްރީ ލޯންޗްކުރީ ޖުލައި މަހުގެ 10 ވަނަ ދުވަހު. ޑޮކިއުމަންޓްރީ ދެއްކީ ޖުލައި 26 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރި މާލަމަށް އޭގެ 60 އަހަރުފަހުން ދިވެހިންގެ ބަޔަކު މިފަދަ މަސައްކަތެއްގައި ފުރަތަމަ ފަހަރަށް ވަނީވެސް މި ޑޮކިއުމަންޓްރީގެ މަންޒަރުތައް ނެގުމުގެ ތެރެއިންނެވެ. މިއީ ޕީއެސްއެމް ނިއުސްއިން އިންތިޒާމްކޮށްގެން ގެނެސްދިން ޑޮކިއުމަންޓްރީއެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ރަސްމީ ދަތުރުފުޅު ކުރެއްވީ ޖުލައި މަހުގެ 25 ވަނަ ދުވަހު. މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާއި ދެމެދު އެކި ދާއިރާތަކުން އެހީތެރިވުމަށް މުހިންމު 8 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ވީއައިއޭ އައު ޓާމިނަލް ހުޅުވުން

ވީއައިއޭގެ އައު ޓާމިނަލް ހުޅުވީ މިނިވަންކަމަށް 60 އަހަރު ފުރުނު ދުވަސް 2025 ޖުލައި 26 ވަނަ ދުވަހުއެވެ. މި އައު ޓާމިނަލުން އަހަރަކު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެއެވެ.

ސްރީލަންކާ ރައީސް ރާއްޖެއަށް

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެ ވަޑައިގަތީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގެ ތެރެއިން ސްރީލަންކާއާއި ރާއްޖެއާއި ދެމެދު މުހިންމު 2 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ޙާފިޒުންގެ އިނާޔަތް ބޮޑުކުރެއްވުން

ޙާފިޒުންގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކުރައްވައި ރުފިޔާ ޖަމާކުރަން ފެށީ އޮގަސްޓް މަހުގެ 3ވަނަ ދުވަހުއެވެ. މީގެކުރިން ދެމުންއައީ 2000 ރުފިޔާގެ އެލަވަންސެކެވެ. އެލަވަންސް ބޮޑުކުރެއްވުމަށް ނިންމަވާފައިވަނީ ޖޫންމަހުގެ 24 ވަނަ ދުވަހުއެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް ބަދަލެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގާއި ބިސް އަދި އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމަވާފައެވެ. މި ނިންމެވުމާ އެއްގޮތަށް އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ މިހާރު ބަދަލުތައް ގެނެސްފައެވެ.

ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކުރެއްވުން

ދިވެހި ވަޠަނީ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ. ޅ. މާފިލާފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކުރެއްވުމުގެ ގޮތުން ދިވެހި ވަޠަނީ ޚިދުމަތުގެ ދިދަ ހަވާލުކުރައްވާފައެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބުރުގައި 344 ކުއްޖަކު 2025 ވަނަ އަހަރުގެ ތެރޭގައި ވަނީ ދަސްވެނިވެފައެވެ.

އައްޑޫ 3 ރަށުގެ ޚިޔާލު ހޯދުމަށް ނެގި ވޯޓު

ހުޅުދޫއާއި މީދޫ އައްޑޫ ސިޓީން ވަކިކޮށް، ވަކި ކައުންސިލްތައް އުފައްދަން ޤަރާރަކުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ 2025ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހުއެވެ. މިކަމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު، ޤަރާރު ނަންބަރު 33/2025 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން އިޞްލާޙުކުރުން) 2025ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. ރައީސް މިގޮތަށް ނިންމެވީ ހުޅުދޫއާއި މީދޫގެ ގިނަބައެއްގެ ޝަކުވާތަކާ ގުޅިގެން އެ ދެ ރަށުގައި ވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން، 2025ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން އެގޮތަށް ފާސްވެފައިވާތީއެވެ. އެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމީ އައްޑޫސިޓީއާ އިދާރީގޮތުން ވަކިވެ، އެދެ ރަށުގައި ރަށު ކައުންސިލްތައް ގާއިމްކުރުމަށް ފެންނަ ކަމަށެވެ.

އަލުން ތަރައްޤީކުރި ހަނިމާދޫ އެއާޕޯޓު ހުޅުވުން

ހަވާއެރުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވީ 2025ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 9ވަނަ ދުވަހުއެވެ.

މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ހަނިމާދޫ އެއަރޕޯޓް ހުޅުވައި އެތަނުގެ ޚިދުމަތް މިހާރު ދޭން ފަށާފާވާއިރު، މިކަން ވާނީ އުތުރުގެ އަތޮޅުތަކަށް ފަތުރުވެރިކަން ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށެވެ.

"ސިލޯނާއެކު ދިވެހީން" ޓެލެތޯން

ބާރުގަދަ ތޫފާނެއް ކަމުގައިވާ ދިޠުވާއާ ގުޅިގެން އަވަށްޓެރި ސްރީލަންކާއަށް ކުރި ވިއްސާރައިގައި އެޤައުމަށް ބޮޑެތި ގެއްލުންތަކެއްވެ އެތައްބަޔަކު މަރުވެ އެތައްބަޔަކު ހާލުގައި ޖެހިފައިވާތީ، އެޤައުމަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން، "ސިލޯނާއެކު ދިވެހީން"ގެ ނަމުގައި ޚާއްސަ ޓެލެތޯން ފެށީ 2025ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30ވަނަ ދުވަހުއެވެ. 30 ޑިސެންބަރުގެ ހެނދުނު 9:00އިން ފެށިގެން އަނެއްދުވަހު މެންދުރުން އަނބުރައި 14:00އާ ހަމައަށް މި ޓެލެތޯން ކުރިއަށް ގެންދިޔައެވެ. މި ޓެލެތޯނަށް ޖުމުލަ 800،352 ޑޮލަރު ލިބިފައިވެއެވެ.

ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލަކަށް އަނެއްކާވެސް ރާއްޖެ

ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަގުވާމީގޮތުން ދޭ އެންމެ ޝަރަފުވެރި އެވޯޑު، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖޭން ކާމިޔާބުކުރީ 2025ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 7ވަނަ ދުވަހުއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖޭން ވަނީ ޝަރަފުވެރި ދެ މަގާމެއް ދިފާޢުކޮށްފައެވެ. އެގޮތުން، ވޯލްޑް ލީޑިން ޑެސްޓިނޭޝަން ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް 6ވަނަ ފަހަރަށް އަދި ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން، ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު ތިމާވެއްޓާ ރައްޓެހި މަންޒިލްގެ މަގާމު ދެވަނަ ފަހަރަށް ރާއްޖޭން ވަނީ ހޯދާފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑުގައި ދުނިޔޭގެ ހުރިހާ ފަތުރުވެރި މަންޒިލުތަކެއް ވާދަކުރެއެވެ. މި އެވޯޑުދެނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި މުޅި ދުނިޔެއަށް ހުޅުވާލައިގެން ނެގޭ ވޯޓަކުންނެވެ.

އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ހުޅުވުން

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގެ މަސައްކަތްތައް ނިންމައި، އާންމުކޮށް ހުޅުވައިލީ 2025ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2 ފިޔަވައްސަކަށެވެ. އޭގެތެރެއިން މިއީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 އެވެ. ސެގްމަންޓް 1ގައި ހިމެނެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ހިމެނޭ ސަރަހައްދެވެ. އެއީ 130 މީޓަރުގެ ސަރަޙައްދެކެވެ.

މިމަސައްކަތުގެ ތެރޭގައި ހިމަނައިގެން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކޮށްފައިވަނީ މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި 6 މީޓަރު ބޭރަށް ޖެއްސުމަށްފަހުއެވެ. މަގު ތަރައްޤީކުރަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުއެވެ.

ސްރީލަންކާގައި ދިވެހި އައިޑީކާޑުގެ ޚިދުމަތް

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފެށީ 2025ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 16ވަނަ ދުވަހުއެވެ. އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފަށްޓަވާފައިވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، (ޑީއެންއާރު)އިން ވިދާޅުވެފައިވަނީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމާއި ގުޅިގެން އެގައުމުގައި ދިރި އުޅުއްވާ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން އަވަސްވާނެކަމަށެވެ.

މިއީ ރާއްޖެއިން ބޭރުން ދިވެހި އައިޑީ ކާޑުގެ ޚިދުމަތް ލިބޭ ދެވަނަ ގައުމެވެ. ރާއްޖޭއިން ބޭރުގައި ދިވެހި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ. އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.