ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ޤަވާއިދުގެ ދަށުން ވަޒީފާ ދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދޫކުރާ ދާއިމީ ކޯޓާގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތަކަކީ، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ގެނައި ބަދަލުތަކެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިއަދުން ފެށިގެން ދާއިމީ ކޯޓާ ދޫކުރާ މަސައްކަތްތަކަށް ވަރކް ސައިޓް ރަޖިސްޓްރީ ކޮށްދެވޭނީ، މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޮޓޮރައިޒް ކޮށްފައިވާ "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިޤްރާރު ހުށަހެޅުމުންނެވެ. މި ފޯމާއި އިޤުރާރު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމަށް ކޯޓާ ދުކުރުމާ ގުޅޭ https://t.co/UPhMn3vMPu pic.twitter.com/2o7AAAEJrj
— Ministry of Homeland Security & Technology, MV (@HomeMinistrymv) December 31, 2025
ވަރކް ސައިޓް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ލިޔެކިއުންތަކުގެ އިތުރުން އިތުރަށް ކަމެއް ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި، ސައިޓް ރަޖިސްޓްރީ ކުރަނީ ކުއްޔަށް ހިފާތަނެއްގައި ކަމުގައިވާނަމަ، ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު ވުޒާރާއަށް ލިބިގެންވާ ކަމަށްވެސް އިއުލާނުގައިވެއެވެ.
ދާޚިލީ ވުޒާރާއިން ވަނީ، މިހާރު ދާއިމީ ކޯޓާ ދޫކުރެވި ރަޖިސްޓްރީ ކޮށްފައިވާ ސައިޓްތަކުގެ މަޢުލޫމާތު އަދާހަމަ ކުރުމަށްޓަކައި، މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިޤުރާރު ހުށަހެޅުމަށް ވަޒީފާ ދޭ ހުރިހާ ފަރާތްތަކަށް އަންގާފައެވެ. އަދި މި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ، ރަޖިސްޓްރީ ކޮށްފައިވާ ސައިޓުގެ "ޑޮކިއުމަންޓް އަޕްޑޭޓް ރިކުއެސްޓް" ނުވަތަ "ސައިޓް ޕަރމިޓް އަޕްޑޭޓް" މެދުވެރިކޮށް ކަމަށް އެވުޒާރާއިން މައުލޫމާތުދެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ފޯމުތައް ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑް ކުރެވޭނެ ކަމުގެ އިންޒާރު ދީފައެވެ. މި ފިޔަވަޅަކީ، ބިދޭސީން ވަޒީފާ އަދާކުރާ ތަންތަނުގެ މަޢުލޫމާތު ސައްޚަކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް އެވުޒާރާއިން މައުލޫމާތުދެއެވެ.