ޚަބަރު

"ނިމުނު 52 ހަފުތާ"އަކީ މަޢުލޫމާތުގެ އަލަމާރިއަށް ވަރަށް އަގުހުރި ފޮތެއް


  • މިއީ ދިވެހި ކިޔުންތެރިކަމުގެ ތާރީޚަށް މުހިންމު އަދި ޚާއްސަ ޚިދުމަތެއް ކަމަށް ވަޒީރު ވިދާޅުވި

  • މީގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށްވެސް ފައިދާވާނެކަމަށްވެސް ވިދާޅުވި

"ނިމުނު 52 ހަފުތާ"އަކީ ދިވެހި މަޢުލޫމާތުގެ އަލަމާރިއަށް ޕީއެސްއެމް ނިއުސްއިން އިތުރުކޮށްދިން ވަރަށް އަގުހުރި އަދި ތާރީޚީ ފޮތެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެެމް ނިއުސްގެ "ނިމުނު 52 ހަފުތާ" ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޤައުމު ބިނާކުރެއްވުމުގައި ގެންގުޅުއްވާ މުހިންމު އެއް އަސާސަކީ ޤައުމާ އެއްކޮޅަށް ވިސްނާ ދިވެހި ޤައުމު، ދިވެހިންނަށް އެނގޭގޮތަށް ދިވެހި ތަރިކަ އިއާދަކުރުމަށް ސިކުނޑިތައް ބިނާކުރުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ކިޔުންތެރިކަން އާލާ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ފޮތް ޗާޕުކުރުމާއި ކިޔުންތެރިކަން ފަަހަކަށް އައިސް ނެތެމުން އަންނައިރު ޕީއެސްއެމް ނިއުސްއިން ނެރުނު ފޮތަކީ އެކަން އިއާދަކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ނިމުނު 52 ހަފުތާ ފޮތަކީ ދިވެހި ކިޔުންތެރިކަމުގެ ތާރީޚަށް މުހިންމު އަދި ޚާއްސަ ޚިދުމަތެއް ކަމަށެވެ. އަދި މި ފޮތުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށްވެސް ފައިދާވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ ހަގީގަތުގައި ދިވެހި ކިޔުންތެރިކަމުގެ ތާރީޚަށް ޕީއެސްއެމުން އިތުރުކޮށްދިން ވަރަށް މުހިންމު ޚާއްސަ ޚިދުމަތެއް. ދިވެހި މަޢުލޫމާތުގެ އަލަމާރިއަށް އިތުރުކޮށްދިން ވަރަށް އަގުހުރި ތާރީޚީ ފޮތެއް. މިއީ މިއަދުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކަށްވެސް ފައިދާވާނެ ކަމެއް. ދާއިމީ ގޮތެއްގައި މިކަން ކުރައްވާނަމަ ދިވެހި ފޮތް އަލަމާރީތަކަށް ދާނީ ރާއްޖޭގެ ރެކޯޑު ޖަމާވަމުން. ކޮންމެ އޮފީހަކަށް މިފޮތް އެބަ ބޭނުންވޭ ކޮންމެ ގެއަކަށް މި ފޮތް އެބަ ބޭނުންވޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޕީއެސްއެމުން 2025ވަނަ އަހަރުގެ ހުރިހާ މުހިންމު ޚަބަރުތަކެއް އެއް ފޮތެއްގައި ޗާޕުކޮށް ނެރުމަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަ ބުރަ މަސައްކަތެއް ކަމަށެވެ. އަދި ޕީއެސްއެމްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހިތްވަރު ގަދަކަމާއި އިޚްލާސްތެރިކަމާއި ޤައުމައްޓަކައި އަދާކުރާ ބުރަ މަސްއޫލިއްޔަތުގެ މުހިންމުކަންވެސް މިފޮތުގެ ސަބަބުން ހާމަވެގެންދާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވިއެވެ.