އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑަލޭންޑް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.
ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓް ގައި ސާޅީސް ހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެއްވަރުވިއިރު މި ސީޒަނުގައި ޕްރިމިއާ ލީގުގައި ސަންޑަލޭންޑް އިން އަމިއްލަ ދަނޑުގައި ބަލިނުވެ އޮތް ރެކޯޑް ވަނީ ދަމަހައްޓާފަ އެވެ.
ޕެޕް ގަޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މެންޗެސްޓަރ ސިޓީ އިން ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދު އޮތް ފަރަގު ކުޑަ ކުރުމަށް ލިބުނު މި ފުރުސަތު ގެއްލުމާއިއެކު ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް އިތުރު ވެފަ އެވެ.
އާސެނަލް އަށް ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން ޖުމްލަ 45 ޕޮއިންޓް ލިބިފައިވާއިރު މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 41 ޕޮއިންޓެވެ.
ސަންޑަލޭންޑް އާއި ދެކޮޅަށް ކުޅުނު މި މެޗުގައި މެންޗެސްޓަރ ސިޓީ އަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައިނުވި ނަމަވެސް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސިޓީ އިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓަރ ސިޓީގެ ނިކޯ ގޮންޒާލޭޒް އަށް އަނިޔާވެފައިވާއިރު އަނިޔާގެ ސަބަބުން ތިން މަސް ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު މެޗުގެ ދެވަނަ ހާފުގައި ރޮޑްރީ ވަނީ ކުޅެން އަރުވާފަ އެވެ.
ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އިން އަންނަ އާދީއްތަ ދުވަހު ޗެލްސީ އާއި ދެކޮޅަށް ނިކުންނައިރު ސަންޑަލެންޑް ކުޅޭނީ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށެވެ.
ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗުވެސް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
މި މެޗުގެ ފަސްވަނަ މިނިޓުގައި ބްރެންޓްފޯޑްގެ ކެވިން ޝޭޑް ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
މި ނަތީޖާ އާއިއެކު ބްރެންޓްފޯޑް އަށް ތާވަލުގެ ނުވަވަނަ ލިބިފައިވާއިރު ޓޮޓްނަމް އޮތީ ތާވަލުގެ 12 ވަނައިގަ އެވެ.