ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (26 ޑިސެންބަރު)އެގޮތުން ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާއިރު މި މަޝްރޫޢު ދަށުން 250 ދިވެހި ތެރަޕިސްޓުން ތަމްރީން ކުރުމަށްވަނީ ހަމެޖެހިފައެވެ.
(27 ޑިސެންބަރު) ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުއެވެ. (28 ޑިސެންބަރު) ކުދި ވިޔަފާރިތައް ކުރިއެރުވުމާއި ގުޅޭ ބައެއް ކަންކަން ޖަނަވަރީ 1އިން ފެށިގެން ތަންފީޒުކުރަން ފަށަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ނިމުނު ހަފުތާގެ އާދީއްތަ ދުވަހުއެވެ. ރައީސް ވިދާޅުވީ ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ.
މި ނިމުނު ހަފުތާގެތެރޭގައި ރައީސުލްޖުމްހޫރިއްޔާވަނީ މުހިއްމު ބަދަލުތަކެއް ގެންނަވާފައެވެ. (28 ޑިސެންބަރު) އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް ބަދަލުކުރައްވާފައެވެ.
(30 ޑިސެންބަރު) ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ނިންމަވާފައިވަނީ މި ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ.
(1 ޖަނަވަރީ) ޒަކާތުގެ ޤާނޫނުގެ ދަށުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވާފައިވާއިރު، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނުގެ ދަށުން، "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" އުފެއްދެވީވެސް ހަމަ އެދުވަހުއެވެ.
(31 ޑިސެންބަރު) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މުހިއްމު ވަޢުދުތަކެއް ފުއްދެވުމަށް އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާގެ މުހިއްމު 5 ޕްރޮގްރާމެއް ސަރުކާރުން އިފްތިތާހުކޮށްފައިވަނީ މި ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި ތެލަސީމިއާ ބަލި ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް މަހެއްގެ މައްޗަށް 2,000 ރުފިޔާގެ ވަކި އެލަވަންސެއް ދިނުމާއި، ޞިއްޙީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތްތަކަށް ހިނގާ ޚަރަދު އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސައިދިނުން ހިމެނެއެވެ. މީގެ އިތުރުން، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ޚަރަދެއްވެސް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން، 'މެރަނާ' ސްކީމް މެދުވެރިކޮށް ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާ ޕްރޮގްރާމެއްވެސް ވަނީ އިފްތިތާހުކޮށްފައެވެ.
(1 ޖަނަވަރީ) ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންނަށް އެ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. މީގެ ކުރިން ކޮމިޝަނުން ސިޔާސީ ޕާޓީގެ ދަފްތަރުން މެންބަރަކު ވަކިކުރަނީ، ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައެވެ.
މި ނިމުނު ހަފުތާގައި ބޯހިޔާވަހިކަމާއި އުމްރާނި ތަރައްޤީގެ ދާއިރާއިން މުހިއްމު ކަންކަން ހިނގާދިޔައެވެ. (29 ޑިސެންބަރު) އެގޮތުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބިން ދޫކުރާނީ ރަސްމާލެއިން ކަމުގައި ކަނޑައަޅައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓް ދޫކުރުމާ ގުޅޭ އުސޫލުތައް ސަރުކާރުން ޢާންމުކޮށްފައިވަނީ ނިމުނު ހަފުތާގެ ހޯމަދުވަހުއެވެ.
(29 ޑިސެންބަރު) ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އަޅާ ހައުސިން ޔުނިޓްތަކުގެ ޢަމަލީ މަސައްކަތް އަންނަމަހު ފަށާނެކަމަށް އެ ކުންފުނިން ހާމަކޮށްފައިވާއިރު މި މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ ދެ މަޝްރޫއުގެ މަސައްކަތް ނިމުނު ހަފުތާގެ ހޯމަ ދުވަހު ވަނީ ޗައިނާގެ 2 ކުންފުންޏަކާ ހަވާލުކޮށްފައެވެ.
(29 ޑިސެންބަރު) ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުޞޫލުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު ގޯއްޗަށާއި ފުލެޓަށް އެދުމުގެ ފުރުޞަތު ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމާފައިވާކަން ހާމަކުރެއްވީވެސް ހަމަ އެދުވަހުއެވެ.
ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަމަށް ބަލާލާއިރު، (30 ޑިސެންބަރު) ސިވިލް ސާރވިސްގެ ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެމީހަކަށް ދެމުން އައި ރިޓަޔަމެންޓް ޕެންޝަން އެ މުއްދަތުގައި ނުލިބޭ ގޮތަށް ސިވިލް ސާރވިސް ޤަވާއިދު ވަނީ އިސްލާޙުކޮށްފައެވެ. ޤަވާއިދުގައިވާ ގޮތުން ކުރިން ލިބެމުން ދިޔަ މުސްކުޅި ކުރުމުގެ އިނާޔަތުގެ ފައިސާ މަހުން މަހަށް ދޫކުރަން ފެށޭނީ، އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށެވެ.
(31 ޑިސެންބަރު) އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފައިވަނީ މި ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ.
(31 ޑިސެންބަރު) ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފައިވާއިރު މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕެރަޓް ކްރިސްޓިކްއެވެ.
"ޕްރޮޖެކްޓް އައިލާ"ގެ ނަމުގައި "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފައިވަނީވެސް ހަމަ އެދުވަހުއެވެ. ދިވެހިރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ގެ ގޮތުގައި ގާއިމުކުރާ "ސަސްޓެއިނަބަލް ޓައުންޝިޕް" ތަކުގައި އިންވެސްޓް ކުރުމުގެ އެންމެ ކުޑަ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުންނާއި، 12 ޖަނަވަރީގައި ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 1/2025 އިން ވަނީ ކަނޑައަޅުއްވާފައެވެ.
ނިމުނު ހަފުތާގައި އިޤްތިޞާދީ ދާއިރާއިން ދެން ލިބިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ ޚަބަރަކީ (31 ޑިސެންބަރު) އައު ޓާމިނަލުގައި ޒަމާނީ އީގޭޓް ބޭނުންކުރަން ވަނީ ފެށުމެވެ. އެއާޕޯޓު ޓާމިނަލް 1ގެ އެރައިވަލްގައި 5 އީގޭޓު އަދި ޑިޕާޗަރގައި 5 އީގޭޓުން ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ. މި ޚިދުމަތުގެ ސަބަބުން ދިވެހީންނަށް ދަތުރުފަތުރުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. (31 ޑިސެންބަރު) މި ނިމުނު ހަފުތާގައިވަނީ ވީއައިއޭއަށް ދަތުރުކުރާ ބައިނަލްއަޤުވާމީ ހުރިހާ އެއަރލައިންތަކެއްގެ އޮޕަރޭޝަންތައް އައު ޓަރމިނަލަށް ބަދަލުކޮށް ނިމިފައެވެ. މިއާއެކު މިހާރު ރާއްޖެއަށް ދަތުރުކުރާ 41 އެއަރލައިންގެ އޮޕަރޭޝަންތައް ވަނީ އައު ޓަރމިނަލަށް ބަދަލުކުރެވިފައެވެ.
(31 ޑިސެންބަރު) ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ކަމިޔާބުކަމާޢެކު ނިންމާލާފައިވާކަން ހާމަކޮށްފައިވަނީ މި ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފަހުން ރޭގަނޑު ދަތުރުތަކަށް ތައްޔާރުކުރެވުނީ ށ. ފުނަދޫ އެއާޕޯޓެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (28 ޑިސެންބަރު) ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ކުރިއަށްގެންދާ 1ވަނަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބެޗުގެ ކިޔެވުން ނިންމައި 344 ދަރިވަރުން ދަސްވެނިވިފައިވަނީ މި ނިމުނު ހަފުތާގެ އާދީއްތަ ދުވަހުއެވެ. ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހުއެވެ.
(30 ޑިސެންބަރު) އަމިއްލަ މީޑިއާތަކަށް މިއަހަރު ދޭ މާލީ އެހީތެރިކަމަށް 41 މީޑިއާއެއް ޝަރުތު ހަމަވެފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރި ކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެންބަރު 25 ވަނަ ދުވަހުއެވެ. އެމްއެމްބީސީން ވިދާޅުވީ، މާލީ އެހީތެރިކަމަށް އެދި 57 މީޑިއާއަކުން ޕްރޮފައިލް ކްރިއޭޓްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ، 41 މީޑިއާ ކަމަށެވެ.
(31 ޑިސެންބަރު) ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމާ ގުޅޭ ގަވާއިދު އިސްލާހުކޮށްފައިވާއިރު މުވައްޒަފުން ރަސްމީ ގަޑި އާއި ނުރަސްމީ ގަޑީގައި އޮފީހުގައި އަދި އޮފީހުގެ މަސައްކަތުގައި ތިބެން ވާނީ ޚިދުމަތް ހޯދަންދާ މީހުންގެ ކުރިމަތީގައި މުވައްޒަފާއި އޮފީހުގެ ގަދަރާއި ހައިބަތު ހިފަހައްޓައި، ސާފުތާހިރު، އެކަށީގެންވާ ނަލަ ހެދުމެއްގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ.
(31 ޑިސެންބަރު) ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އައު ސޮފްޓްވެއަރތަކެއް ވަނީ މި ނިމުނު ހަފުތާގެ ބުދަ ދުވަހު ތަޢާރަފްކޮށްފައެވެ. އެގޮތުން "ހެލްޕް ޑެސްކް ސަޕޯޓް” އަދި "މެޑިކަލް ސްޓޮކް ސިސްޓަމް"ގެ ނަމުގައިވަނީ ސޮފްޓްވެއަރއެއް ތަޢާރަފްކޮށްފައެވެ.
މި ނިމުނު ހަފުތާގައި ވަނީ ހިތާމަވެރި ޚަބަރެއްވެސް ލިބިގެން ގޮސްފައެވެ.(30 ޑިސެންބަރު) އެގޮތުން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ކުރީގެ ޑައިރެކްޓަރ އަބްދުލްފައްތާހު ކުއްލި ގޮތަކަށް ނިޔާވި ޚަބަރު ލިބުނީ މި ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. ފައްތާހު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ހާޓް އެޓޭކް ޖެހިގެން ފުރަތަމަ މަސައްކަތް ކުރީ ކުޅުދުއްފުށްޓަށް ގެންދިއުމަށެވެ. ނަމަވެސް އެއަށްވުރެ އަވަހަށް ދެވެން އޮތީ ދިއްދޫއަށް ކަމަށްވުމުން ނިޔާވީ ދިއްދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތީގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ނިމުނު ހަފުތާގައި ވަނީ މީލާދީ އައު އަހަރަކަށް މަރުޙަބާ ކިޔާފައެވެ. ރާއްޖޭގައިވެސް ވަނީ އައު އަހަރަށް މަރުޙަބާ ކިޔުމަށް ކުލަ ގަދަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. (1 ޖަނަވަރީ) ނިމުނު އަހަރުގެ މުހިންމު ހުރިހާ ޚަބަރެއް އެއްފޮތަކަށް ފެންނާނެގޮތަށް ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރި "ނިމުނު 52 ހަފުތާ 2025" ނެރެފައިވާއިރު ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައިވަނީ ޕީއެސްއެމްގެ ޗެނަލްތައް އެންޑްރޮއިޑް ޓީވީތަކުން ބަލާލެވޭ "އެއާ ޓީވީ އެޕް" ތަޢާރަފްކޮށްފައެވެ.