ޚަބަރު

އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދިނުމުން ގިނަ ޤައުމުތަކެއްގެ ފާޑުކިޔުން


އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންދިޔުމުން ބައިނަލްއަޤްވާމީ ދުނިޔޭގެ ފާޑުކިޔުން އެމެރިކާއަށް އަމާޒުވެއްޖެއެވެ.

އެމެރިކާގެ ޙަމަލާއާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ އެމެރިކާއިން ދީފައިވާ ޙަމަލާއާ މެދު އެ ޤައުމުން ކަންބޮޑުވާ ކަމަށާއި އެ ކަން ކުށްވެރިކުރާ ކަމަށެވެ. އެ ފަދަ ޙަމަލާއެއް ދޭން ޖެހޭ މަޤުބޫލު ސަބަބެއް ނެތް ކަމަށް ވެސް ރަޝިޔާއިން ބުނެފައިވެއެވެ. މި ޙާލަތުގައި ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމާއި، މަޝްވަރާގެ މަގުން ޙައްލެއް ހޯދުން މުހިންމު ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. އަދި އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މިހާރުން މިހާރަށް ބޭއްވުމަށް އެ ޤައުމުން ވަނީ ގޮވާލައިފައެވެ.

ޗައިނާއިން ވެސް ވަނީ އެމެރިކާއިން ބާރުގެ ބޭނުންކުރުން ކުށްވެރިކޮށްފައެވެ. އަދި އެމެރިކާއިން ވެނެޒުއެލާގެ އިސްތިޤުލާލަށް އަރައިގެންފައިވާ ކަމަށާއި، އެއީ އދގެ ޗާޓަރާ ޚިލާފު ޢަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ.

ލެޓިން އެމެރިކާގެ ގިނަ ޤައުމުތަކުން އެެމެރިކާގެ ޢަމަލުތައް ވަނީ ކުށްވެރިކޮށްފައެވެ. ބްރެޒިލުން ބުނީ އެމެރިކާއިން ހުރަސް ކުރެވިގެން ނުވާ ރޮނގެއް ހުރަސްކޮށްފައިވާ ކަމަށާއި، އޭގެ ސަަބަބުން ސަރަޙައްދީ ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށެވެ. މެކްސިކޯއިން ބުނީ ކުރިއަށް ދާންޖެހޭ ހަމައެކަނި މަގަކީ މަޝްވަރާގެ މަގު ކަމަށެވެ. ކެމްބޯޑިޔާއާއި ޗިލީއިން ވަނީ ވެނެޒުއެލާގެ އިސްތިޤުލާލަށް އިޚްތިރާމް ކުރުމަށް ގޮވާލައި، ރައްޔިތުންނަށް ކޮށްފާނެ އަސަރަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް އާޖެންޓީނާގެ ރައީސް ހާވިޔަރ މިލޭ ވަނީ އެމެރިކާގެ ޙަރަކާތްތަތަކަށް މަރުޙަބާ ކިޔުއްވައި، އެއީ މިނިވަންކަމާ ގާތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. މީގެ ކުރިން ވެނެޒުއެލާއާއެކު ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރުމަށް ކޮށްފައިވާ މަސައްކަތްތައް ކާމިޔާބުވެފައި ނުވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އެކުއެޑޯރގެ ރައީސް ޑެނިއެލް ނޮބޯ ވެސް ވަނީ މިއީ ވެނެޒުއެލާއަށް ސިޔާސީ ބޮޑެތި ބަަދަލުތަކެއް ގެނައުމަށް ލިބޭ ފުުރުޞަތެއް ކަމަށް ވިދާޅުވެފައެވެ.

ވިލާތުގެ އިއްތިޙާދުން މަދޫރޯގެ ސަރުކާރަކީ ޤާނޫނީ ސަރުކާރެއް ކަމާމެދު އަބަދު ވެސް ސުވާލު އުފައްދައެވެ. ނަމަވެސް ވިލާތުގެ އިއްތިޙާދުގެ އިސް ވެރިން ވެސް ވަނީ ބައިނަލްއަޤްވާމީ ޤާނޫނުގެ އުޞޫލުތައް ދަމަހައްޓަންޖެހޭ ކަމަށް ބުނެފައެވެ. އަދި މައްސަލަ ގޯސްވިޔަ ނުދިނުން މުހިންމު ކަމަށާއި، ބައިނަލްއަޤްވާމީ ޤާނޫނާއި އދގެ ޗާޓަރުތަކަށް ޢަމަލުކުރަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓަރމަރ ވިދާޅުވީ އެމެރިކާއިން ދިން ޙަމަލާއާ އެ ޤައުމާ ގުޅުމެއް ނެތް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނު ދަމަހައްޓަންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފަރަންސޭސީވިލާތުން ވެސް ބުނީ ވެނެޒުއެލާގެ މުސްތަޤުބަލާމެދު ގޮތް ނިންމަން ޖެހޭނީ އެ ޤައުމުގެ ރައްޔިތުން ކަމަށެވެ.

ޔޫކްރެއިނުން ބުނީ އެ ޤައުމުން އަބަދުވެސް ޤައުމުތަށް މިނިވަންކަމާއެކު ދެމިއޮތުމުގެ ހައްޤަށް ވަކާލާތުކުރާ ޤައުމެއް ކަމަށެވެ. ޔޫކްރެއިންއަކީ ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކަށް ބާރުއަޅާ ޤައުމެއް ކަމަށް ވެސް ބުނެފައިވެއެވެ. އެ ޤައުމުން ބުނީ މަދޫރޯގެ ވެރިކަމަކީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި އެ ވެރިކަމުގައި އެ ސިފަތައް ފުރިހަމަ ނުވާ ކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނާ އެއްަގޮތަށް ކަންކަން ކުރިއަށް ގެންދިޔުމަށާއި، ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކާއި ވެނެޒުއެލާގެ ރައްޔިތުންގެ މަސްލަހަތު އިސް ކުރުމަށް އެ ޤައުމުން ވަނީ ގޮވާލައިފައެވެ.