ސްޕެނިޝް ލަލީގާގައި ރޭ އެސްޕަނިއޯލް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ ތާވަލުގެ ކުރީގައި ހަމަޖެހިލައިފި އެވެ.
މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމުގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 42 ޕޮއިންޓެވެ. މި މެޗުން ބަލިވި އެސްޕަނިއޯލް އަށް ލިބިފައިވާ 33 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ.
ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ބާސެލޯނާ ކުޅުނު ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ.
ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ ދެވަނަ ހާފުގައި އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ރަފީނިއާ އާއި މާކަސް ރަޝްފޯޑްގެ ބަދަލުގައި ޑެނީ އޮލްމޯ އާއި ފަރމިން ލޮޕޭޒް ވަނީ ކުޅެން އަރުވާފަ އެވެ. އަދި ފެރާން ޓޮރޭޒްގެ ބަދަލުގައި މެޗުގެ 64 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ ވެސް ވަނީ ކުޅެން އަރުވާފަ އެވެ.
ބާސެލޯނާ އިން މި މެޗުގައި އެސްޕަނިއޯލްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ފަރމިން ލިޕޭޒް ދިން ޕާހަކުން ޑެނީ އޮލްމޯ އެވެ.
އަދި މެޗުގެ ފަހު މިނިޓުގައި ލޮޕޭޒްގެ އިތުރު ޕާހަކުން ރޮބަޓް ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.