ޚަބަރު

ޢިލްމު ހޯދުމަށް އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަންޖެހޭ: މެޑަމް ސާޖިދާ


  • ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތައް ބާރުވެރިކުރަން ބްރެއިލް މުހިންމު ދައުރެއް އަދާކުރޭ

ޢިލްމު ހޯދުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށާއި، އެކަން ފެށިގެން އަންނަނީ އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަ ހިސާބުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑީއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، މިއަދު ފާހަގަކުރާ ބްރައިލް ދުވަހަކީ ލޮލުގެ ފެނުމުން މަޚްރޫމްވެފައިވާ ފަރާތްތައް ބާރުވެރިކޮށް ވިލުންތެރި ކުރުމަށް މުހިންމު ދުވަހެއް ކަމަށެވެ. މިކަން ކުރުމުގައި އެފަރާތްތަކުން ކިއުމުގައި ބޭނުންކުރާ ބްރައިލް މުހިންމު ދައުރެއް އަދާކުރުމަށް ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާގެ ޕޯސްޓުގައި ޢިލްމު ހޯދުމަކީ އިމްތިޔާޒެއް ނޫން ކަމަށާއި، ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަން ފެށެނީ، އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަ ހިސާބުން ކަމަށް ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވަނީ, މުޖުތަމަޢުގެ ކޮންމެ ފަރުދަކީވެސް އެފަރާތްތަކުގެ މަސައްކަތް ފެންނަކަން އިޙުސާސްވާ، އެފަރާތްތަކުގެ މަސައްކަތަށް މުޖުތަމަޢުގެ ތެރެއިން ހިތްވަރު ލިބޭ ބަޔަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ފަރާތްތަކަކީ މުޖުތަމަޢުގެ ތެރޭގައި ބާރުވެރި ބަޔަކަށް ހަދައި، އޯގާތެރިކަމާއެކު އެފަރާތްތަކާއެކު ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ގޮވާލެއްވިއެވެ.

ބައިނަލްއަޤުވާމީ ގޮތުން ބްރެއިލް ދުވަސް ފާހަގަކުރަން ފެށީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމުގައި ބްރެއިލްގެ ބާރާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް، ބްރެއިލްގެ ބާނީ ލުއީސް ބްރެއިލްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަސް ދުނިޔޭގެ ބްރެއިލް ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ.