މާދަމާ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވި ގޮތުގައި މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެެވެ.
މި ޖަލްސާގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން ވަނީ ތާވަލުކޮށްފައެވެ.
މީގެ އިތުރުން 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފައިވާއިރު، އެ ތިން ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށްވެސް ވަނީ ތަވާލުކޮށްފައެވެ.
މަޖިލީހަށް ތަޢާރަފު ކުރުމަށް ނިންމާފައިވަނީ، ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ހުށަހަޅުއްވާފަައިވާ ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާހޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލެވެ.
މީގެ އިތުރުން ރީ-އެމްޕްލޯއިމަންޓުގެ ބިލު ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، އެ ރިޕޯޓަށް ބަހުސް ކުރުމާއި، ބިލު ފާސްކުރަން ވޯޓަށް އެހުންވެސް މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ މިދިޔަ އަހަރުގެ 3 ދައުރުގެ ޖަލްސާތައް ނިންމައި، ޗުއްޓީގައެވެ. މަޖިލީހުގެ ޖަލްސާތައް އަންނަ މަހު ރަސްމީކޮށް ފެށުނު ނަމަވެސް މަޖިލީހުގެ މުހިންމު މަސައްކަތްތައް ނިންމުމަށް ދައުރުން ބޭރުން ޖަލްސާތައް ބޭއްވޭނެއެވެ.