ޚަބަރު

ފުލަމް އާއި ލިވަޕޫލް މެޗު އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިން ރަށުން ބޭރުގައި ކުޅުނު މި މެޗު އެއްވަރުވުމާއިއެކު އެ ޓީމަށް 20 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. ފުލަމް އަށް ލިބިފައިވާ 28 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.

މި މެޗުގެ 17 ވަނަ މިނިޓުގައި ފުލަމްގެ ހެރީ ވިލްސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ފުލަމް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ލިވަޕޫލްގެ ފްލޯރިއަން ވާރޓްޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ލިވަޕޫލް އިން ޖެހި މި ލަނޑު ފުރަތަމަ އޮފްސައިޑް ލަނޑެއް ކަމަށް ރެފްރީ ނިންމި ނަމަވެސް ގިނައިރުތަކެއް ވަންދެން ވީޑީއޯ ބެލުމަށްފަހު ވީޑިއޯ އެސިސްޓެންޓް ރެފްރީން ވަނީ އެއީ ލަނޑެއް ކަމަށް ނިންމާފަ އެވެ.

މި މެޗުގެ ކުޅުން ކުރިއަށް ދަނިކޮށް ފުލަމް ޓީމުގެ މެމްބަރަކަށް ކުރިމަތިވި މެޑިކަލް އިމަރޖެންސީ އަކާއި ގުޅިގެން ރެފްރީ ވަނީ މެޗުގެ ކުޅުން 15 މިނިޓަށް މެދުކަނޑާލާފަ އެވެ.

މި މެޗުގައި ލިވަޕޫލް އިން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ހަތަރުވަނަ މިނިޓުގައި ކޯޑީ ޖެކްޕޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނަމަވެސް އޭގެ ތިން މިނިޓު ފަހުން ފުލަމްގެ ހެރިސަން ރީޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ.