ކްރިމިނަލް ކޯޓުގެ އައު އިމާރާތާއެކު އެ ކޯޓުގެ މަސައްކަތް އަވަސް ވެފައިވާކަން ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެކޯޓުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އައު އިމާރާތާއެކު އެކޯޓުން މަހެއްގެ މައްޗަށް މައްސަލަ ނިންމާ މިންވަރު 140 އިންސައްތަ އިތުރުވެފައިވެއެވެ.
ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކޯޓަށް ހުށަހަޅާފައިވަނީ ޖުމްލަ، 1062 މައްސަލައެވެ. މިމައްސަލަތައް އެކޯޓުގެ 11 ގާޟީންނަށް ބެހިގެން ދިޔައިރު، ގިނަ ފަންޑިޔާރުންނަށް 100އަށް ވުރެ ގިނަ މައްސަލަ އަހަރުގެ ތެރޭގައި ހާވަލުކޮށްފައިވެއެވެ. އަދި އަހަރު ނިމުނުއިރު ބައެއް ފަނޑިޔާރުންގެ އަތުގައި 200 މައްސަލަ ނުނިމި ހުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، މިދިޔަ އަހަރު 1380 މައްސަލަ ނިންމާފައިވެއެވެ. އެކޯޓުން ވިދާޅުވީ މިދިޔަ އަހަރު މައްސަލަ ނިންމި ރޭޓު މިއާއެކު ހުރީ 130 އިންސައްތައިގައި ކަމަށެވެ. ކޯޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު އެ ކޯޓުން ނިންމާފައިވަނީ 649 މައްސަލައެވެ. އެހެންކަމުން މިދިޔަ އަހަރާއި އޭގެ ކުރީގެ އަހަރާއި އަޅާބަލާއިރު މިއީ 113 އިންސައްތައިގެ ކުރިއެރުމެކެވެ.
އެކޯޓުގައި މައްސަލަތައް ނުނިމި ގިނަ ދުވަސް ވަމުން ދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޑިޕާޓްމެންޓް އޮފް ޖޫޑީޝަލް އެޑްމިނިސްޓްރޭޝަނުން މީގެ ކުރިން ފާހަގަކޮށްފައިވާ ގޮތުގައި ކޯޓުގައި ހުރި މައްސަލަ ނުނިމި ދިގުލައިގެން ދަނީ ކޯޓުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން މައްސަލަތައް އެކަށީގެންވާ މިންވަރަށް ތާވަލް ނުކުރެވޭތީއެވެ. މިމައްސަލަ ހައްލުކުރުމަށް އެކޯޓުގެ އައު އިމާރާތެއް ހުޅުމާލޭގައި ހުޅުވާ މިދިޔަ އަހަރު ތެރޭ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
މިއާއެކު މައްސަލަ ނިންމާ މިންވަރު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އެކޯޓުން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭގޮތުގައި އައު އިމާރާތުގެ ކުރިން، އެކޯޓުން މަހެއްގެ މައްޗަށް ނިންމަމުން ދިޔައީ 72 މައްސަލައެވެ. ނަމަވެސް އައު އިމާރާތާއެކު އެކޯޓުގެ މައްސަލަ ނިންމާ މިންވަރު އިތުރުވެ، އަހަރު ނިމުނުއިރު މަހެއްގެ މައްޗަށް 175 މައްސަލަ ނިންމައެވެ. މިއީ 140 އިންސައްތައިގެ ކުރިއެރުމެއްކަން އެކޯޓުން ފާހަގަކުރެއެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ އެކޯޓުގެ ގާޟީ ޢަލީ ނަދީމެވެ. އޭނާ ވަނީ 302 މައްސަލަ ނިންމާފައެވެ. އެންމެ މަދުން މައްސަލަ ނިންމާފައިވަނީ ގާޟީ ހުސެއިން ފާއިޒުއެވެ. އޭނާ އަށް ނިންމުނީ 56 މައްސަލައެވެ. ކޯޓުން ވިދާޅުވީ އެވަރޭޖްކޮށް ގާޟީއަކު 113 މައްސަލަ ނިންމާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން މައްސަލަތައް ނިންމާ މިންވަރު އިތުރުވެފައިވާއިރު، އެކޯޓުން ވަނީ މިއަހަރު ތެރޭގައި ވާނުވާ ބަންދުގެ މައްސަލައެއް ދާއިމީ ހައްލެ ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.