ކިލޯ އަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެމީހުން ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މި ދެމީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު ކިލޯ އަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި / ވަލުތެރޭގެ، މުޙައްމަދު އީވާން ޙާމިދު (23އ) އާއި ހ. ސަކީނާމަންޒިލް / މާލެ، މުޙައްމަދު ރާޢިދު ޢަލީ އަޞްޣަރު (31އ) އެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެމީހުންނަށްވެސް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.