ޚަބަރު

ރަނގަޅު ފޯމެއްގައި އޮތް އިންޓާއަށް ޕާމާ އަތުން މޮޅެއް


އިޓާލިއަން ލީގުގައި ރޭ ޕާމާގެ މައްޗަށް ހޯދި މޮޅާއެކު، އިންޓާ މިލާނުން ލީގު ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ. ޕާމާގެ ދަނޑުގައި ކުޅުނު މި މެޗުން އިންޓާ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޕާމާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، ގިނަ ވަގުތު ބޯޅަ ހިފަހައްޓަން ފުރުސަތުތައް ތަނަވަސްކުރަމުންދިޔަ އިންޓާއަށް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ޖުމްލަ 21 ހަމަލާއެއް އިންޓާއިން އުފައްދާފައިވާއިރު ގޯލާ އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ 9 ހަމަލާއެވެ. މެޗުގައި ޕާމާއަށް އުފެއްދުނީ ތިން ހަމަލާއެވެ. އެއިން އެއްވެސް ހަމަލާއެއް ގޯލާ އަމާޒުވާގޮތަށް ފޮނުވާލެވިފައެއް ނުވެއެވެ.

އިންޓާއިން މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ޑިމާކޯއެވެ. އިންޓާގެ ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި މާކަސް ތޫރަމް ޖަހައިދިން ލަނޑެކެވެ.

މި މޮޅާއެކު އިންޓާއިން ލީގު ތާވަލުގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދާފައި މިވަނީ ދެވަނައިގައި އޮތް އޭސީ މިލާނަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އިންޓާ އަށް 18 މެޗުން 42 ޕޮއިންޓު ލިބިފައިވާއިރު އޭސީ މިލާނަށް 17 މެޗުން 38 ޕޮއިންޓު ލިބިފައިވެއެވެ.

މިރޭގެ މެޗުން ޖެނޯއާ އަތުން އޭސީ މިލާން މޮޅުވެއްޖެނަމަ، އިންޓާގެ ލީޑު އެއް ޕޮއިންޓަށް އަނެއްކާވެސް ކުޑަވާނެއެވެ.