ގިނަ އަހަރުތަކެއް ވަންދެން މަޝްވަރާކުރުމަށް ފަހު ދެކުނު އެމެރިކާގެ ހަތަރު ޤައުމުގެ މައްޗަށް އެކުލެވޭ މާކޮސޫރް ބްލޮކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމް ކުރުމަށް
ވިލާތުގެ އިއްތިޙާދުން ތައްޔާރުވެއްޖެއެވެ.
މާކޮސޫރް ބްލޮކުގައި ހިމެނޭ ޤައުމުތަކަކީ އާޖެންޓީނާއާއި ބްރެޒުލްއާއި ޕެރެގުއޭއާއި އުރުގުއޭއެވެ. އެ ބްލޮކާއި ވިލާތުގެ ޤައުމުތަކާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކުތަމުންދާތާ 25 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
ޖަރުމަނުވިލާތާއި ސްޕެއިން ހިމެނޭ ގޮތަށް އެ އެއްބަސްވުމަށް ތާއީދުކުރާ ޤައުމުތަކުން ޤަބޫލުކުރާ ގޮތުގައި އެ އެއްބަސްވުމުގެ ސަބަބުން އައު ބާޒާރުތަކަށް މުދާ ބޭރުކުރުމުގެ ފުރުޞަތު ވިލާތުގެ ވިޔަފާރިވެރިންނަށް ލިބިގެން ދާނެއެވެ. އަދި އެމެރިކާއިން ނަގަމުންދާ ބޮޑެތި ޓެރިފްތަކުގެ ސަބަބުން ލިބޭ ގެއްލުން ފޫބައްދައި، ތަކެތި އުފެއްދުމަށް ބޭނުންވާ ޚައްޞަ މިނަރަލްތައް ހޯދުމަށް ޗައިނާގެ މައްޗަށް ބަރޯސާވާ ބަރޯސާވުން ކުޑަވެގެން ދާނެ ކަމަށް އެ ޤައުމުތަކުން ޤަބޫލުކުރެއެވެ.
ނަމަވެސް ފަރަންސޭސިވިލާތާއި ޕޮލެންޑު ފަދަ އެ އެއްބަސްވުމަށް ދެކޮޅުހަދާ ޤައުމުތަކުން ޤަބޫލުކުރާ ގޮތުގައި ހެޔޮ އަގުގައި ގެރި މަހާއި ކުކުޅާއި މި ފަދަ ބާވަތްތައް ވިލާތަށް އެތެރެކުރެވޭ ނަމަ އޭގެ ނޭދެވޭ އަސަރު ވިލާތުގެ ދަނޑުވެރިންނަށް ކުރާނެއެވެ. އެ ކަމާ ހިތްހަމަ ނުޖެހި ވިލާތުގެ ބައެއް ސަރަޙައްދުތަކުގައި ދަނޑުވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ. އެ ނިންމުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލަމުން ދަނީ ފަރަންސޭސިވިލާތުގެ ދަނޑުވެރިންނެވެ.
އެއްބަސްވުން ޤާއިމްކުރުމަށް ޤައުމުތަކުގެ ރުހުން ހޯދުމަށް ވިލާތުގެ ކޮމިޝަނުން ވަނީ ދަނޑިވެރިންގެ މަސްލަހަތު ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް އަޅައިދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ. އެއްބަސްވުމައިގެން ކުރިއަށް ދިޔުމަށް ވިލާތުގެ އިއްތިޙާދުގައި ހިމެނޭ 27 ޤައުމުގެ ތެރެއިން މަދުވެގެން 15 ޤައުމުގެ ރުހުން ބޭނުންވެއެވެ. އެ ޤައުމުތަކުގެ ޖުމްލަ އާބާދީ ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ޤައުމުތަކުގެ ޖުމްލަ އާބާދީގެ 65 އިންސައްތައަށްވުރެ އިތުރުވާން ޖެހޭނެއެވެ. ވިލާތުގެ ކޮމިޝަނުން އެއްބަސްވުމުގައި ސޮއިކުރުމުން އެ އެއްބަސްވުން ތަސްދީޤުކުރުމަށް ވިލާތުގެ ޤާނޫނުހަދާ މަޖިލީހުން މި އަހަރުގެ އޭޕްރިލް ނުވަތަ މެއި މަހުގެ ތެރޭގައި ވޯޓު ނަގާނެ ކަމަށް ބެލެވެއެވެ.