އިނގިރޭސި އެފްއޭ ކަޕްގައި ރޭ އެސްޓަން ވިލާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ ޓޮޓްނަމް ހޮޓްސްޕަރ މުބާރާތުން ކެޓިއިރު މެންޗެސްޓަރ ސިޓީ ވަނީ 10-1 ގެ ނަތީޖާއަކުން އެގްޒީޓަރ ސިޓީ އަތުން މޮޅުވެފަ އެވެ.
ޓޮޓްނަމް ހޮޓްސްޕަރގެ ދަނޑުގައި ފަންސާސް ހަތްހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ތޯމަސް ފްރޭންކްގެ ޓޮޓްނަމް ކުޅުނު މި މެޗުގެ 22 ވަނަ މިނިޓުގައި އެސްޓަން ވިލާގެ އެމީ ބުއެންޑިއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި މޯގަން ރޮޖަރސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ޓޮޓްނަމް ހޮޓްސްޕަރ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ވިލްސަން އޮޑޮބަރޓް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ތޯމަސް ފްރޭންކްގެ ވަޒީފާ އާއިމެދު ވަނީ އިތުރު ސުވާލުތަކެއް އުފެދިފަ އެވެ.
މި މުބާރާތުގައި ރޭ ލީގު ވަންގެ އެގްޒީޓަރ ސިޓީ އަތުން މެންޗެސްޓަރ ސިޓީ ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި މެކްސް އެލޭން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 12 މިނިޓު ފަހުން ރޮޑްރީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ސިޓީ އިން ފަރަގު ބޮޑުކޮށްފައިވަނީ އެގްޒީޓަރގެ ޑޮއިލް ހޭލްސް އާއި ފިޓްޒްވޯޓަރ އަތުން ބައިކޮޅަށް ވަން ދެ ލަނޑުންނެވެ.
މި ސީޒަނުގައި މިހާތަނަށް ތިން ރީނދޫ ކާޑު ދައްކާފައިވާތީ މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ މި މެޗަށް ސަސްޕެންޑް ވެފައިވާތީ އޭނާ މެޗު ބަލާފައިވަނީ ސްޓޭންޑް އިންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ސެމެންޔޯ ދިން ޕާހަކުން ރިކޯ ލެވިސް ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
ސިޓީ އިން މި މެޗުގައި ޖެހި ހަވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ދާދި ފަހުން 65 މިލިއަން ޕައުންޑުގެ ފީއަކަށް އެ ޓީމާއި އަލަށް ގުޅުނު އެންޓޮއިން ސެމެންޔޯ އެވެ.
މި މެޗުގައި ސިޓީ އިން ޖެހި އަނެއް ތިން ލަނޑަކީ ތިޖާނީ ރޭންޑާސް އާއި ނިކޯ އޮރޭލީގެ އިތުރުން ރަޔާން މެކްއައިޑޯ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ރިކޯ ލެވިސް ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
އެގްޒީޓަރ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 90 ވަނަ މިނިޓުގައި ޖޯޖް ބަރޗް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.