ޚަބަރު

ރޮޒޭނިއާގެ ފުރަތަމަ މެޗުން ޗެލްސީ މޮޅުވެއްޖެ


އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ޗާލްޓަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށްފި އެވެ.

ޗެލްސީގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ލިއާމް ރޮޒޭނިއާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗަށް ޗެލްސީ ނިކުތްއިރު ޓީމަށް އޭނާ ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ޗެމްޕިއަންޝިޕްގެ ޓީމާއި ދެކޮޅަށް ކުޅުނު މި މެޗަށް ޗެލްސީ ނިކުތްއިރު މުހިންމު ގިނަ ކުޅުންތެރިންނަށް ފުރަތަމަ ޓީމުން ފުރުސަތު ދީފައެއް ނުވެއެވެ.

ޗާލްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީ އަށް ޗާލްޓަންގެ ގޯލު ހުޅުވާލެވިފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި ޑިފެންޑަރ ޖޮރެލް ހަޓޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ޑިފެންޑަރ ޓޮސިން އަރަޑަބިއޯޔޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ޗާލްޓަންގެ ފޯވަޑް މައިލްސް ލީބާރން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.

ޗެލްސީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 62 ވަނަ މިނިޓުގައި މާކް ޖިއޫ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ރޮޒޭނިއާ ވަނީ ޗެލްސީގެ ތިންވަނަ ލަނޑާއެކު އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެސްޓެވާއޯ ވިލިއަމް އާއި ލިއާމް ޑެލަޕް އާއި އެންޒޯ ފެނާންޑޭޒްގެ އިތުރުން ޕެޑްރޯ ނެޓޯ ވަނީ ކުޅެން އަރުވާފަ އެވެ.

މި މެޗުގައި ޗެލްސީ އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ފުރަތަމަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޕެޑްރޯ ނެޓޯ އެވެ. އަދި އޭގެ ތިން މިނިޓު ފަހުން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އެންޒޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.

ރޮޒޭނިއާގެ އިރުޝާދުގެ ދަށުން ޗެލްސީ އަށް ދެން އޮތީ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެކޮޅަށް ކަރަބާއޯ ކަޕްގައި ކުޅޭ މެޗެވެ. އެ މެޗަށްފަހު އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ނިކުންނާނީ ބްރެންޓްފޯޑް އާއި ދެކޮޅަށެވެ.