އޮޕަރޭޝަން އަލިމަގުގެ ތެރެއިން މާލޭ ސަރަހައްދާއި ގއ. އަތޮޅުގައި ޚާއްސަ އޮޕަރޭޝަންތަކެއް މިއަދު ހެނދުނު ފަށާއިފިއެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވާ، ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަޤްސަދުގައި ދިވެހި ފުލުހުންގެ ޚިދުމަަތުން ވަނީ 'އޮޕަރޭޝަން އަލިމަގު'ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފައްޓަވާފައެވެ.
ދިވެހި ފުލުުހުންގެ ޚިދުމަތުން ވިދާޅުވީ، އޮޕަރޭޝަން އަލިމަގުގެ ތެރެއިން މާލޭ ސަރަހައްދާއި ގއ. އަތޮޅުގައި ޚާއްސަ އޮޕަރޭޝަންތަކެއް މިއަދު ހެނދުނު ފަށާފައިވާ ކަމަށެވެ. އެގޮތުން މިއަދު ކުރިއަށްގެންދާ މި އޮޕަރޭޝަނަަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށެވެ.
މީގެ އިތުރުން، މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކުގެ އަމަލީ މަސައްކަތް ކުރިއަށްދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި އޮޕަރޭޝަން ކުރިއަށްގެންދާނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމްތަކާއި، އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމެންޓް ޓީމުން ގުޅިގެން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
'އޮޕަރޭޝަން އަލިމަގު'ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ މިއޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައިވަނީ ހިންގާފައެވެ. ފުލުހުންދަނީ މަސްތުވާތަކެތި އަތުލައިގަނެ މުޖުތަމަޢާކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކާއި ތަންފީޒީ އިދާރާތަކެއް ގުޅިގެންދަނީ މަސައްކަތް ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި އަތުލައިގަންނަ މަސްތުވާތަކެތި އިތުރުވަމުންދާއިރު ކޯޓު މަރުޙަލާގައި ފިޔަވަޅު އެޅުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އެކަންކަމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތްކޮށް ހައްލު ގެނައުމަށްދަނީ މަޝްވަރާކުރަމުންނެވެ.