އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ބަރންސްލީ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލް އިން މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ލީގު ވަންގެ ބަރންސްލީ އާއި ދެކޮޅަށް ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗުގެ ނުވަވަނަ މިނިޓުގައި ލިވަޕޫލް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑޮމިނިކް ސޮބޮޒްލާއީ އެވެ.
އަދި މެޗުގެ 36 ވަނަ މިނިޓުގައި ޖެރެމީ ފްރިމްޕޮންގް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ބަރންސްލީ އިން ރަގަޅު ކުޅުމެއް ދައްކާ ލިވަޕޫލްގެ ގޯލަށް މަދުން ނަމަވެސް ނުރައްކާ ކޮށްފައިވާ މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޑަމް ފިލިޕްސް އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިއިރު ބަރންސްލީ އިން އެ ޓީމުގެ ކުޅުން އިތުރަށް ރަގަޅުކޮށްފައިވާތީ ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ވަނީ މެޗުގެ 60 ވަނަ މިނިޓުގައި އެ ޓީމަށް ތިން ބަދަލު ގެނެސްފަ އެވެ. އެގޮތުން އިބްރާހިމާ ކޮނާޓޭ އާއި ފްލޯރިއަން ވާރޓްޒްގެ އިތުރުން ހޫގޯ އެކިޓީކޭ ވަނީ ކުޅެން އަރުވާފަ އެވެ.
މި ބަދަލުތަކާއިއެކު ލިވަޕޫލްގެ ކުޅުން އިތުރަށް ވަރުގަދަ ވެގެން ގޮސްފައިވާއިރު މެޗުގެ 84 ވަނަ މިނިޓުގައި ފްލޯރިއަން ވާރޓްޒް ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
މި މެޗުގައި ލިވަޕޫލް އިން ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގައި ވާރޓްޒް ދިން ޕާހަކުން ހޫގޯ އެކިޓީކޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ލިވަޕޫލް އާއި ދެކޮޅަށް ނިކުންނާނީ ބްރައިޓަން އެވެ.